Last Updated: November 23, 16:52
Saturday, November 23, 2024
ޚަބަރު

ގާސިމް އުޅެނީ ފިލައިގެން: އޭޖީ

ޖަލު ހުކުމެއް އިއްވި ފަހުން ހިތުގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގެން ފިއްލަވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިލް ވިދާޅުވީ ގާސިމަކީ މަޖިލިސް މެމްބަރުންތަކަކަށް ރިޝްވަތު ދިނުމަށް ހުށަހެޅި ކަމުގެ ކުށުގައި ޖަލަށް ލާފައިވާ ބޭފުޅެއް ނަމަވެސް ބޭސް ފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް އެދުމުން އެކަމަށް ސަރުކާރުން ހުއްދަދިން ކަމަށެވެ.

ނަމަވެސް މީގެ ހަފުތާތަކެއް ކުރިން ގާސިމް ޖަރުމަނަށް ވަޑައިގެން ފިއްލަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ގާސިމް އެދިވަޑައިގަތީ ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން. އެކަމުގެ ހުއްދަ ސަރުކާރުން ދިން. ނަމަވެސް މީގެ ހަފުތާތަކެއް ކުރިން އޭނާ ވަނީ ޖަރުމަނަށް ފިއްލަވާފައި،" އޭޖީ ވިދާޅުވި އެވެ. "އޭގެ ފަހުން އޭނާގެ މައުލޫމާތެއް ލިބިފައެއް ނުވޭ."

ރިޝްވަތު ދެއްވަން އުޅުއްވިކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ ގާސިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.