ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވަތީ" ގެ ބަތަލާ ދީޕިކާ ޕަދްކޯން މަރައިލާނެ ކަމަށް ބުނެ އިންޑިއާގެ ބައެއް އެކްޓިވިސްޓް ގްރޫޕްތަކުން ދެމުންދާ އިންޒާރުތަކާ ގުޅިގެން، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެދި މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ ފެށި ޕެޓިޝަން "ދީޕިކާ ބަޗާއޯ" ގައި ބަތަލާ ކަންގަނާ ރަނާވަތު ސޮއި ކުރަން ދެކޮޅު ހަދައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ހުށަހަޅަން ސޮއި ކުރަމުން އަންނަ ޕެޓިޝަންގައި މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ބަތަލާއިންތަކެއް ވަނީ ސޮއިކޮށްފަ އެވެ.
ކަންގަނާ އެ ޕެޓިޝަންގައި ސޮއި ކުރަން ދެކޮޅު ހެދި ކަމަށް ބުނެ މީޑިއާތަކުން ފެތުރި ހަބަރުތަކާ ގުޅިގެން ބައެއް މީހުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ވެސް ފާޑު ވެސް ކިޔައިފަ އެވެ.
ނަމަވެސް ކަންގަނާ ވަނީ އޭނާ ޝަބާނާ އިސް ނަގައިގެން ހެދި ޕެޓިޝަންގައި ސޮއި ނުކުރަން ނިންނި ސަބަބު ކިޔައި ދީފަ އެވެ.
ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުނީ ޕެޓިޝަނުގައި ސޮއި ނުކުރި ނަމަވެސް، އޭނާ ހުރީ ދީޕިކާއާ އެކުގައި ކަމަށެވެ.
ކަންގަނާ ބުނި ގޮތުގައި ޕެޓިޝަންގައި ސޮއި ނުކުރީ އޭނާއާ ދެކޮޅަށް ދާދި ފަހުން ބޮލީވުޑްގެ ބައެއް އެކްޓަރުން ހަގީގަތާ ހިލާފު ވާހަތަކެއް ދައްކައި ޝަހުސު ކަތިލާން މަސައްކަތް ކުރި އިރު، އެކަމަށް ހިތްވަރު ދިން އެކަކީ ޝަބާނާ ކަމަށްވާތީ އެވެ. ކަންގަނާ އެ އިޝާރާތް ކުރި އެކްޓަރުންނަކީ ރިތިކް ރޯޝަނާއި އަދިތިޔާ ޕަންޗޯލީ އެވެ.
"އެ ޕެޓިޝަންގައި ސޮއި ކުރަން އެދި އަނުޝްކާ ޝަރްމާ އަހަންނަށް ގުޅި އިރު، އަހަރެން ހުރީ ޖޯދްޕޫރްގައި މަނިކަރްނިކާގެ ޝޫޓިންގައި. އަދި ވަރަށް ތަފުސީލްކޮށް އޭގައި ސޮއި ނުކުރަން ބޭނުންވި ސަބަބު އަނުޝްކާ އަށް ކިޔައި ދިނިން،" ކަންގަނާ ބުންޏެވެ. "އަދި އަހަރެންގެ އުޒުރުތައް އޭނަ ގަބޫލު ވެސް ކުރި."
ކަންގަނާ ބުނީ ދީޕިކާ އަށް ދެމުންދާ އިންތިޒާރުތަކާ ދެކޮޅު ކަމަށާއި ޕެޓިޝަނެއްގައި އޭނާ ސޮއި ނުކޮށްގެން މި މައްސަލަ އަށް ދިމާވާނެ އިތުރު ގެއްލުމެއް ނެތް ކަމަށް ގަބޫލު ކުރާ ކަމަށެވެ.