ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް "ބޮޑުކެކުރި" ފަރިއްކުޅުއްވައިގެން ހުންނެވުމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ގޮވާލައްވައިފި އެވެ.
އައިބީ މިގޮތަށް ގޮވާލެއްވީ 2018 ވަނަ އަހަރުގެ ބަޖެޓަކީ ޤާނޫނާއި ޚިލާފަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުންނެވެ.
"2018ގެ ބަޖެޓަކީ ގާނޫނާއި ޚިލާފަށް ފާސްކޮށްފައިވާ ބަޖެޓެއް ނަމަ ރައީސް މައުމޫން މުސާރަ ނުނަންގަވާ. ކުރީގެ ރައީސަށް ލިބޭ ލާރި މައުމޫން ނުނަންގަވާ. ބޮޑުކެކުރި ކައިގެން ހުންނަވާ."
"ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، 2018ގެ ބަޖެޓު ގާނޫނާއި ޚިލާފަށް ފާސްކޮށްފައިވާ ނަމަ ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ނުނެންގެވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫނަށް ފާޑުވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު އައިބީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އައިބީ އަށް ވޯޓު ދިނުމަށް މައުމޫނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެގޮތުން ފޭދޫ ރައްޔިތުންގެ ކިބައިން އައިބީ އަށް ވޯޓު ދިނުމަށް ވެސް މައުމޫން އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ޚުދު އައިބީ ވެސް ވަނީ މަޖިލިސް އިންތިހާބުގެ ދުވަސްވަރު މައުމޫނަކީ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު އައިބީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީށް އަބްދުﷲ ޔާމީންގެ ފެކްޝަންގައެެވެ.