ކުރީގެ ހޯމް މިނިސްޓަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާންކޮށްފައިވާ އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅެން ނިންމަވައިފި އެވެ.
އޭނާ މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޖޭޕީއާ ގުޅެން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީ ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އަންނަ ހަފުތާގައި ޕާޓީ އަށް ސޮއި ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.
އުމަރު ޖޭޕީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު، އެ ޕާޓީން ބުނަމުން އަންނަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރެން ބޭނުންވާ ކެންޑިޑޭޓަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މަޝްވަރާތަކަށް އުމަރު ވަނީ ދާދި ފަހުން ލަންޑަނަށް ވަޑައިގެން އެ ގައުމުގައި އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ފުރަތަމަ ބުރުގައި އުމަރު ތާއީދު ކުރީ ޖޭޕީން އިންތިހާބުގައި ވާދަ ކުރި ގާސިމަށެވެ.
އުމަރަކީ 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕީޕީއެމްގެ އެތެރޭގައި ބޭއްވި ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވި ކެންޑިޑޭޓެވެ. އެ ޕްރައިމަރީގެ ކަންކަމާ މެދު ހިތްހަމަނުޖެހިގެން އުމަރު ވަނީ އޭރު ރައީސް ޔާމީންއާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވައި ވާހަކަ ދައްކަވައިފަ އެވެ.
އެކަމާ ގުޅިގެން އުމަރު ޕީޕިއެމުން ވަކި ވެސް ކުރި އެވެ.
ނަމަވެސް ފަހުން އަނެއްކާ ސަރުކާރާ ގުޅިވަޑައިގެން ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފަހުން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފަ އެވެ.