ޗައިނާގައި އަންނަ ހަފުތާގައި ފަށާ އޭޝިއަން ކޯސްޓަލް ރޯވިން ކޮމްޕެޓިޝަންގައި ވާދަ ކުރާ ރާއްޖޭގެ ރޯވިން ޓީމް މި މަހުގެ 12 ގައި ފުރާ ގޮތަށް ނިންމައި، ޓީމްގެ މެމްބަރުންނަށް ޖާޒީ ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެތުލީޓުންނާއި އޮފިޝަލުންނަށް ހަވާލުކޮށް ދެއްވީ އައްޑޫގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަބްދުﷲ ތައްޔިބު (ޓޮމް) އާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު މެމްބަރު އަހުމަދު ހަސަނާއި، އީކްއޭޓަ ވިލެޖްގެ މެނޭޖަރު މުހައްމަދު ވަހީދެވެ.
މި މަހުގެ 15-17 އަށް އޮންނަ މުބާރާތުގައި ރާއްޖޭން ބައިވެރި ވަނީ 11 މެމްބަރުން ހިމެނޭ ޓީމެއް ކަމަށެވެ. މީގެ ތެރޭގައި ދެ އޮފިޝަލުން ވެސް ހިމެނެ އެވެ.
އެތުލީޓުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެން އެތުލީޓުންނާއި ހަތަރު 4 އަންހެން އެތުލީޓުންނެވެ.
މި ޓީމް މިހާރު އަންނަނީ މުބާރާތަށް ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
މުބާރާތަށް ރާއްޖޭގެ ރޯވިން ޓީމް ދަނީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ސުވާދިވް ކެފޭގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށް ރޯވިން އެސޯސިއޭޝަނުން ބުންޏެވެ.