ރާއްޖޭގައި މިހާރު ތަރައްޤީގެ ނަމުގައި ކުރާ ކޮންމެ ކަމަކުންވެސް ފެންނަނީ ވައްކަމާއި ކޮރަޕްޝަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމަށް މިހާރު ފަރިތަ ކަމަށާއި މިވާހަކަ ދައްކަފާނެތީ ޤާނޫނުތައް ހަދައި ބިރު ދައްކަން މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް އެ ބިރަކަށް ސިހުނު އެއްވެސް މީހަނު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކެރިގެން މިތިބީ. ޢަބްދުﷲ ޔާމީން ކުރާ ވަައްކަމުގެ ވާހަކަ ދައްކާނަން،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޢަބްދުﷲ ޔާމީން ރައްޔިތުން އިންތިޚާބު ކުރީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރުމާއި ކޮރަޕްޝަން އާންމު ކުރަން ނޫން ކަމަށެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރެއްވި ވައްކަމުގެ ވާހަކަ މުޅި ދުނިޔެއަށް އެނގެ އެވެ.
އޭނާ އަދި ވިދާޅުވީމި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަކީ ދިވެހިންގެ ތެރޭގައި އާންމުކޮށް ކުޅޭ "އޮށްވަޅު ގޮނޑީގެ" ސިޔާސަތު ކަމަށާއި ލޯނު ނަގަމުން ގޮސް މުޅި ރާއްޖެ މި ވަނީ ވިކި، ދަރަނިވެފައި ކަމަށް ޝިފާޒު ވިދާޅުވި އެވެ.