މީދޫ އުތުރު ފަރާތުން މާކަނޑަށް ވަދެ ނިކުމެވޭ ގޮތަށް ނެރެއް ހެދުމުގެ ވާހަކަ ދެކެވެން ފެށުމުން ބައެއް މީހުންނަށް އެއީ ގޯސް ކަމަކަށްވެ ޒާތްޒާތުގެ ލިޔުންތައް ލިޔާތީ ފެނިއްޖެއެވެ. އެހެންވެ ކަމުގެ އަސްލާއިމެދު އަޅުގަނޑުވެސް ދެތިން ބަހެއް އަމުނާލަން ކަމަށެވެ.
މީދޫގައި ނެރެއް ހެދުމުގެ ޚިޔާލަކީ ނުވަތަ އެމަޝްރޫއަކީ ގާސިމް އިބްރާހިމްގެ ރިޔާސީ ކެންޑިޑެސީއާއި ގުޅުވައިގެން މީދޫ ރައްޔިތުން ދެކެންފެށި ހުވަފެނެއް ނޫނެވެ. އެއީ މާކުރީގެ ހުވަފެނެކެވެ. މިހުވަފެން ހަގީގަތަކަށް ހެދުމުގެ ގޮތުން ކުރަން ޖެހޭ ދިރާސާތަކާއި ވިސްނަން ޖެހޭ ވިސްނުންތައް އޮތީ މާކުރީގައި ވެސް ފުރިހަމަކޮށް ނިމިފަ އެވެ. އޭގެތެރޭގައި ތިމާވެށީގެ ނަޒަރިއްޔާތުން ވިސްނަންޖެހޭ ވިސްނުންތަކަށްފަހު ކަމާބެހޭ އިދާރާތަކުގެ މާހިރުން ފުރިހަމަކޮށްފައިވާ އީއައިއޭ ރިޕޯޓް ވެސް ހިމެނެ އެވެ.
ގާސިމް އިބްރާހިމްގެ އެހީތެރިކަމަށް މީދޫގެ ރައްޔިތުން އެދިފައިވަނީ މި ނެރުހަދައިދީފިނަމަ ގާސިމަށް ވޯޓުދިނުން ލާޒިމުކުރާ ގޮތަކަށްވެސް ނޫނެވެ. މީދޫ ރައްޔިތުންގެ ވޯޓަކީ ގާސިމް އިބްރާހީމަށް އާވޯޓެއްވެސް ނޫނެވެ. ނެރު ހެދުމުގައި ގާސިމްގެ އެހީތެރިކަމަށް މީދޫ ރައްޔިތުން އެދިފައިވަނީ ގާސިމަށް ވޯޓު ދީފައެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި މާމިގިލި ފިޔަވައި ދެން އަތޮޅުތެރޭގެ ރަށަކުން ގާސިމަށް މެޖޯރިޓީ ވޯޓު ދިން ހަމައެކަނި ރަށަކީ މީދޫ އެވެ.
އެހެންކަމުން ނެރުގެ މައްސަލާގައި މީދޫގެ ރައްޔިތުން ގާސިމްގެ އެހީތެރިކަމަށް އެދުނީ އެންމެ ފުރަތަމަ ވޯޓު ދީފައެވެ. ނެރު ހަދައިދިނުމުގެ ވައުދަކީ ގާސިމްގެ ވަރަށް ކުރީގެ ވައުދެކެވެ. އެހެންވީމާ މިއަހަރުގެ ރިޔާސީ އިންތިޚާބާއި މިކަމަކާ އެއްވެސް ގުޅުމެއް ނެތެވެ. ނެރު ގޮއްވަން ހަމަޖެހިފައިވާ ތަނަށް ވަޑައިގެންފައި ގާސިމް ވޯޓުގެ ވާހަކައެއް ނުދައްކަވައެވެ. މީދޫ މީހަކުވެސް އެވާހަކައެއް ނުދައްކައެވެ. ބޯޅަ އޮތީ ގާސިމުގެ ކޮޅުގައިކަން ގާސިމަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.
ދިވެހިރާއްޖޭގެ ނާޒުކް ތިމާވެށި ހިމާޔަތް ކުރުމަށް ގާނޫންތަކާއި ގަވާއިދުތައް އޮތީ ހެދިފައެވެ. އެ ގާނޫންތަކަކީ ހިތަދޫއަށް ވަކިގޮތެއް، މަރަދޫއަށް ވަކި ގޮތެއް އަދި މީދޫއަށް ވަކިގޮތެއް ހެދުމަށް ބާރުއަޅާ ގާނޫންތަކެއް ނޫނެވެ. އެއީ އެންމެނަށްވެސް ހަމަހަމަ ގާނޫންތަކެކެވެ.
ކަންމިހެން އޮތްއިރު ހިތަދޫ ފަޅުތެރެއިން އެތައް ހާސް ހެކްޓަރުގެ ބިން ހިއްކައި ހިތަދޫ އިރު އުތުރުފަރާތުން މާކަނޑަށް ނެރުކަނޑައި ގަމުން ފެށިގެން ހިތަދޫއާ ހަމައަށް ހުރިހާ ރަށްތަކެއް ކޯޒްވޭތަކުން ގުޅާލައި ހައިވޭ ހަދައި ރައްޔިތުންގެ ލުއިފަސޭހަޔަށް ކަންތައް ކުރަމުންދާދިއުން މިގާނޫންތަކާ ފުށުނާރައި މީދޫގައި ނެރެއް ހެދުމުން އެއީ ފެހި ގާނޫން އަސާސީ މުގުރާލުމަކަށްވުމަކީ ހެއްވާކަމާއި ޒާތީ ތައްސުބާއި މޮޔަކަމުގެ ކޮޅުނެތްކޮޅެވެ.
ކޮންމެ ކަމެއްވެސް މިކުރަނީ ދިރާސާތަކަށްފަހު ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ. މީދޫ ނެރުގެ މަޝްރޫއަށްވެސް އެހުއްދަ އޮތީ ލިބިފައެވެ. އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫއުތައް ހިންގަނީ މިއުސޫލުންނެވެ. އެކަމަކު މިއުސޫލުން މީދޫ އިސްތިސްނާކުރަން ބަޔަކު އެބަ ބޭނުންވެއެވެ. އޭގެ ހަގީގަތް އެގޭނީ ހަމައެބަޔަކަށެވެ. އެބައެއްގެ ސިކުނޑީގައި ރަނގަޅު ނިޔަތެއް ނެތްކަން ކަށަވަރެވެ.
މީދޫ ނެރުގެ މަޝްރޫއު ނިމުމުން އެމަޝްރޫއުގެ ފައިދާ އޮތީ ހަމައެކަނި މީދޫއަކަށް ނޫނެވެ. ހަމައެވަރަށް ހުޅުދޫއަށްވެސް އެފައިދާ އެބައޮތެވެ. ކުރިއަށް އޮތްތަނުގައި ހުޅުދޫއާއި މީދޫގައި ބޭނުންކުރާނީ ބޮޑު އެއްބަނދަރެވެ. އެބަނދަރު ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އެހެންވީމާ ނެރުގެ މަޝްރޫއަކީ މީދޫ ދެބޮއްކުރާއަކާއި ތިން ދޯންޏެއް މާކަނޑަށް ނެރެ ދިހަ މިނިޓް ސަލާމަތް ކުރުމަށް އޮޑިވެރީންގެ އެދުމަށް ހިންގަން އުޅޭ މަޝްރޫއެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. މި މަޝްރޫއު ނިމުމުން މާކަނޑަށް ވަދެ ނިކުމެ ވުމުގައި ސަލާމަތްވާނީ އެންމެ ދިހަ މިނިޓެއް ނޫނެވެ.
މީދޫ އިރުއުތުރުފަރާތު ބޭރަކީ އާއްމުކޮށް މަސްވެރިކަމުގެ ސަރަހައްދެވެ. އެސަރަހައްދަށްދާން މިހާރު ހޭދަވާ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑުބައި މިނެރުގެ ސަބަބުން ސަލާމަތްވާނެއެވެ. ވަގުތާއެކު އެސަލާމަތްވަނީ ތެލެވެ. ރުފިޔާއެވެ. ޚަރަދެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
އެތެރެވަރިން އެންވެރިކަން ކުރާނަމަ މާކަނޑަށް ނުކުތުމުގައި މިނެރުގެ ސަބަބުން މާބޮޑު ފަސޭހައެއް ނުލިބޭނެ ވާހަކައަށް އަޅުގަނޑުވެސް އެއްބަހެވެ. އެކަމަކު އެންވެރިކަމަށް އަބަދު ނުކުންނަނީ އެތެރެވަރިއަށް ބާވައެވެ. އެތަނުން މާކަނޑަށް ނުކުތުމަށްފަހު ދެން އެނބުރި އަންނަނީވެސް އަދި ބަނދަރު ކުރަނީވެސް އެތެރެވަރީގައި ބާވައެވެ. ވާހަކައެއް ދައްކާއިރު ދެކޮޅު ޖެހޭގޮތަށް ދައްކާނަމަ ތިމާ މިވާހަކަ މިދައްކަނީ ދިރާސާކޮށް އެކޮޅުމިކޮޅު ބަލައި ހޯދާފައިކަން އެހެންމީހުންނަށްވެސް މޭރުންވެދާނެ ތޯއްޗެކެވެ.
މީދޫ އުތުރުފަރާތުގައި ނެރެއް ހެދުމަކުން ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫ އާއި ފޭދޫ މީހުންނަށް ކުރާނެ މަންފާއެއް ނެތެވެ. އެމަންފާ އޮތީ ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށެވެ. އަދި ފުވައްމުލަކު މީހުންނަށްވެސް ފައިދާކުރާނެއެވެ. އޭގެ ސިއްރަކީ ފުވައްމުލަކުން އައްޑޫއަށް ދަތުރުކުރާނަމަ މިނެރުގެ ސަބަބުން ވަގުތާއި ޚަރަދުގެ ވަރަށް ބޮޑުބައެއް ސަލާމަތް ކުރެވޭތީއެވެ.
އެއީ ފުވައްމުލަކުން ގަމަށް ނުވަތަ ފޭދޫއަށް ކުރާ ދަތުރެއްކަމުގައިވިއަސް ކަންއޮތްގޮތެވެ. އެހެންވީމާ މީދޫއާއި ހުޅުދޫއަށް މަންފާ ކުރަނިވި ކަމެއްގައި އެހެންބަޔަކު ނުކުމެ ތިމާވެއްޓޭ ސިކުނޑިއޭ މުންޖޭ ކިޔަން ފެށީމާ އެ ބަޔަކު އެ ގޮވަނީ އައުގުރާނަ ނޫން އެއްޗެއް ކަމަށް ބެލޭނެ ގޮތެއް ނެތެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނެރުގޮއްވައި ބަނދަރު ހަދައި ކޯޒްވޭތައް ހަދައި ބިންހިއްކަނީ އެތަންތާގައި ދިރިއުޅޭ މީހުންގެ ބޭނުންތަކަށެވެ. އެފަދަ މަސައްކަތްކުރާ އެންމެން މޮޔައިންނަށް ނުވެފައި އަދި އެމަސައްކަތްތަކަކީ އިއާދަނުކުރެވޭވަރުގެ ގެއްލުމަކަށްވެސް ނުވެފައި ކުއްލިއަކަށް ހުޅުމީދޫގެ ނެރުގެ މައްސަލާގައި އެދެރަށުގެ އެންމެން ގަމާރުންނާއި މޮޔައިންނަށްވެފައި އެ ނެރަކީ އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ތިމާވެއްޓަށް ލިބިދާނެ ކަމަކަށްވެގެން ފެހި ގާނޫން އަސާސީގެ މާއްދާތައް ބަޔަކު ހިތުދަސްކުރިއަސް ފަރުވާލެއް ނެތެވެ.
އެނެ ރުގެ މަސައްކަތް ހުޅުމީދޫ ރައްޔިތުން ކުރާނެއެވެ. ގާސިމް އިބްރާހިމްގެ އެހީތެރިކަން ލިބުނަސް ނުލިބުނަސް އެމަސައްކަތް ކުރާނެއެވެ. އެކަން ހަޖަމު ނުކުރެވޭ ބަޔަކު ތިބިއްޔާ ޑައިޖިން ބޮއެގެންވިޔަސް ލުޔެއްލިބޭތޯ އުޅުން ބުއްދިވެރިއެވެ.
ނިންމާލުމުގެ ކުރިން އަދި އެހެން ވާހަކައެކެވެ. ޕްރޮވިންސް އޮފީހުގެ ޒަމާނުގައި އެތަން ހިންގަން އުޅުނު ބަޔަކު ޝަންގްރިއްލާއާ ޑީލް ހަދައިގެން މީދޫ އާއި ހުޅުދޫގެ ބަޔަކަށް އެންގުމެއް ނެތި މީދޫ ފަޅުތެރެއިން ބޭނުންވަރަކަށް ވެލިނެގުމުގެ ހުއްދަދިނީ އެއީ ތިމާވެއްޓާ ރައްޓެހިކަމަކަށްވާތީ ބާވައޭ ސުވާލުކޮށްލަން ބޭނުމެވެ.
އެ ޑީލްގެ ސަބަބުން ބަރުވީ ކޮންބައެއްގެ ޖީބަށްތޯވެސް އަހާލަން ބޭނުމެވެ. ހަމަމިދަނޑިވަޅުގައި ބުނެލަން ބޭނުމެވެ. ހުޅުމީދޫއަކީ އަތޮޅު ހިންގަން ތިބޭ ބަޔަކާއި އެބަޔަކަށް ތާއީދުކުރާމީހުންގެ ތަރިކަ މުދާގަނޑެއް ނޫނެވެ. ހުޅުމީދޫ ރައްޔިތުން ބޭނުން ގޮތަކަށް އެމީހުންގެ ދިރިއުޅުން ބައްޓަން ކުރާނެ އެވެ. ގޯތި ގެދޮރު ވެސް އާރާސްތު ކުރާނެ އެވެ.
ގަމަށް އައިސް ގޮސްވުމުގައި ފޭދޫ ނުވަތަ މަރަދޫ ބަނދަރު ބޭނުން ކުރަން މަޖުބޫރު ކުރެވިފައި އޮންނަ ބީދައިން ހުރިހާ ކަމެއް ކުރަން ނުވިސްނާށެވެ. ހުޅުމީދޫ ރައްޔިތުން މިހާރު ތިބީ އެ ޒާތުގެ ކަންތައް ހަޖަމު ކުރާ ގޮތަކަށް ނޫނެވެ.