"ސްޕައިޑަ މޭން" ގެ ތަފާތު އެތައް ފިލްމެއް ބެލުންތެރިން މިހާރު ވާނީ ބަލައިފަ އެވެ. މިއީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ސްޕަހީރޯއެއް ވެސް މެ އެވެ.
ބޮޑު ސްކްރީނުންގައި ހަގީގީ އެކްޓަރުންނާ އެކު "ސްޕައިޑަ މޭން" ތަޖުރިބާކޮށްލުމަށް ފަހު، މިހާރު މިއޮތީ މީގެ އެނިމޭޓެޑް ވާޝަނެކެވެ. މާނައަކީ ފިލްމްގައި ހަގީގީ އެއްވެސް އެކްޓަރެއް ނޫޅޭނެ އެވެ. ފިލްމްގެ ނަމަކީ "ސްޕައިޑަ މޭން: އިންޓް ދަ ސްޕައިޑާ ވާސް" އެވެ.
ކޮލަމްބިއާ ޕިކްޗާޒް އާއި ސޮނީ ޕިކްޗާ އެނިމޭޝަން އަދި މާވެލް އެންޓައިންމަންޓުން އުފައްދާފައިވާ ފިލްމްގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ކެރެކްޓާތަކަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި މިދިޔަ އަހަރު "މޫންލައިޓް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އެވޯޑް ހޯދި މެހެރްޝާލާ އަލީ އާއި ލިއެވް ޝްރެއިބާ، ބްޔަރަން ޓައިރީ ހެންރީގެ އިތުރުން ޓައިޓްލް ކެރެކްޓާ އަށް އަޑު އަޅައި ދިން ޝެމިއެކް މޯ ހިމެނެ އެވެ.
ފިލް ލޯޑްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ސްޕައިޑަ މޭން: އިންޓް ދަ ސްޕައިޑާ ވާސް" ޑައިރެކްޓްކޮށްފައި ވަނީ ތިން މީހަކު ގުޅިގެންނެވެ. އެއީ ބޮބް ޕެރިސްޗެޓީ، ޕީޓާ ރަމްސީ އަދި ރޮޑްނީ ރޮތުމަން އެވެ.
"ސްޕައިޑަ މޭން: އިންޓް ދަ ސްޕައިޑާ ވާސް" ގެ ޓީޒާ ޓްރެއިލާ ދައްކައިލި ނަމަވެސް، ފިލްމް ބެލުންތެރިންނާ ހަމައަށް އަންނަން އަދި އަހަރު ދުވަހަށް އިންތިޒާރުކޮށްލަން ޖެެހެ އެވެ. މި ފިލްމް ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 14، 2018 ގަ އެވެ.