ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަަފާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އުމަރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓްތަކެއްގައި މުސްތަފާ ވިދާޅުވެފައިވަނީ، އުމަރަކީ ހަރުގަނޑުތަކެއް ބޭނުންކޮށްގެން ރައްޔިތުންގެ ކުރިމަތީގައި ސިފައިންގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އުމަރަކީ ފާޅުގައި ގައުމީ ސަލާމަތަށް ނުރައްކާ ކުރި މީހެއް ކަމަށެވެ.
މީގެ އިތުރުން މުސްތަފާ ވަނީ އުމަރަކީ ޓެރަރިޒަމްގެ އަމަލުތައް ވެސް ހިންގަވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
Umar aky rahyithun ge kurimathee haru gandu thakeh beynun kohgen sifain ge maimaru kazah vanna olhunu meeheh. Gaumaee salaamathah faalhuga nurahkaa kuri meeheh, faalhuga terrorized koh terrorism hingi meeheh. Mi haaru ves 66m rufiyaage corruption ge bodu thuhumatheh oiy meeheh.
— Mohamed Musthafa (@Thimarafushi) December 11, 2017
ދާދިފަހުން އާއްމު ކުރި ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވެފައި ވަނީ، އުމަރަކީ 66 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ ތުހުމަތު އޮތް ބޭފުޅެއް ކަމަށެވެ.
އުމަރު ނަސީރު ޖޭޕީ އާއި ގުޅިވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވުމުން މީގެ ކުރިން ވެސް މުސްތަފާ ވަނީ އޭނާ އަށް ފާޑުވިދާޅުވެފައެވެ. އެފަހަރު މުސްތަފާ ވިދާޅުވެފައި ވަނީ، އުމަރަކީ "ކަތުރުފަންޏެއް" ކަމަށެވެ.