ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުމުގެ ކުރުން މަނާކުރި ނަމަވެސް ދެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނުހިފެހެއްޓޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރަން ވާނީ އެލްޖީއޭ އަށް ލިޔުމުން ހުށަހެޅުމަށް ފަހު، އެ އޮތޯރިޓީން ހޯމް މިނިސްޓްރީގެ ހުއްދައަށް އެދުމަށް ފަހު ކަމަށް ކައުންސިލްތަކަށް އަންގާފައެވެ.
އެލްޖީއޭގެ ނިންމުމަށް ފާޑުވިދާޅުވެ އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބިރު ދައްކައިގެން ރައީސް ޔާމީނަށް ތާއީދު ނުލިބޭނެ ކަމަށެވެ.
"ކައުންސިލްތަކާއި ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުން މަނާކުރިޔަސް ދެން ރައީސް ޔާމީންގެ ވެރިކަން އިތުރަށް ނުހިފެހެއްޓޭނެ، ބިރު ދައްކައިގެން ތާއީދެއް ނުލިބޭނެ"- މެންބަރު އަލީ ހުސައިން-
ހުއްދައެއް ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކަށް ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާއި ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.