ޖުމްހޫރީ ޕާޓީގެ އެކިއެކި ވައިބަރ ގްރޫޕްތަކުގައި އަދި ސޯޝަލް މީޑިޔާގައި ބައެއް އެކްޓިވިސްޓުން ގެންދަނީ އުމަރު އެ ޕާޓީ އާއި ގުޅިވަޑައިގަތުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ޖޭޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް އުމަރަށް މަރުހަބާ ކިޔާކަށް ބޭނުމެއް ނުވެއެވެ.
ޖޭޕީގެ ތެރެއިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އުމަރު ނަސީރު ވިދާޅުވަނީ އެބޭފުޅާ " އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ އެއް ކެންޑިޑޭޓަކަށް ގާސިމް ގެންނެވުމަށް" ކަމަށެވެ.
އުމަރު މިގޮތަށް ވިދާޅުވި ނަމަވެސް ޤާސިމަށާއި ޖޭޕީގެ ފަރާތްތަކަށް ސަރުކާރުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން ދިޔައިރު ވެސް އުމަރު ހޯމް މިނިސްޓަރު ކަމުގައި "މަންޒަރު ބައްލަވަން" ހުންނެވީތީ، ޖޭޕީގެ މެންބަރުން އުމަރުގެ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފައްދާ ސަބަބެވެ.
އުމަރުގެ މަޤްސަދަކީ އިދިކޮޅު ހަރަކާތުގެ ކެންޑިޑޭޓަކަށް ގާސިމް ގެންނެވުން ކަމަށް ވިދާޅުވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަޚަށް ބަލާއިރު އެއީ އުމަރުގެ އެމްޑީޕީ އާއި ދެކޮޅު ސިޔާސަތުގެ ސަބަބުން ހުރަސް އެޅޭނެއެވެ. ސަބަބަކީ ހަމައެކަނި ޖޭޕީއަކަށް މަޖިލީހުގެ ތެރެއިން އެ ކަން ޙާސިލް ކުރެވޭނެ ފޯމިއުލާއެއް ނެތުމެވެ.އެމްޑީޕީ އާއި އެކު ވާހަކަ ދައްކަން އުމަރު ބޭނުންފުޅު ނުވުމާއި ރައީސް ނަޝީދާއި މެދު އުމަރުގެ ދެކޮޅުވެރިކަމުގެ ސަބަބުން ގާސިމަށް ވެރިކަމަށް ކުރިމަތިލެއްވޭނެ މަގު މަޖިލީހުގެ ތެރެއިން ފަހިކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދު ލިބުމުގެ ފުރުސަތު ކުޑައެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އުމަރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިތުމުން ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. މިއީ ރިޔާސީ އިންތިހާބާއި ދިމާކޮށް އުމަރު ޖޭޕީ އާއި އެއްކޮޅަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ނޫންކަމެވެ.
2013ގެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއ ގުޅިވަޑައިގެންނެވިއެވެ. އެފަހަރު "ޓީމް އުމަރު"ގެ ނަމުގައެވެ. އެއަށްފަހު ޖޭޕީއަށް "މަރުދޭ" އަދި ޤާސިމަށް ވަފާތެރި ބޭފުޅުން ތިއްބައި އެޕާޓީއަށް ލިބުނު ސްލޮޓްގައި ހޯމް މިނިސްޓަރު ކަމަށް އުމަރު ވަޑައިގެންނެވިއެވެ.
މިފަހަރު ވެސް އުމަރު ޖޭޕީއާއި ގުޅިވަޑައިގެންނެވީ ހަމަ އެފަދައިން ކަމަށް ޖޭޕީގެ އެކްޓިވިސްޓުން ޤަބޫލުކުރެއެވެ. އެމީހުން ބުނާ ގޮތުގައި ޤާސިމަށް ކެންޑިޑޭޓްކަން ހޯދައިދޭނެ ކަމަށް އުމަރު ވިދާޅުވިޔަސް، އެކަމަށް އުމަރުގެ ސަބަބުން ހުރަސް އެޅޭނެއެވެ.
"އުމަރުގެ ސަބަބުން ޖޭޕީ އާއި އެމްޑީޕީގެ މެދުގައި އޮތް އަންޑަސްޓޭންޑިސް އަށް ބުރޫ އަރާނެ. އުމަރަކީ ސިޔާސީ ކަންކަމުގައި ޑިޕްލޮމަސީ ގެންގުޅުއްވާ ބޭފުޅެއް ނޫން. އެއީ ގޮންޖެހުމެއް" 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޖޭޕީގެ އޮފިޝަލަކު ބުންޏެވެ.
އުމަރުގެ މަޤްސަދަކީ އިދިކޮޅު ހަރަކާތުގެ ކެންޑިޑޭޓަކަށް ގާސިމް ގެންނެވުން ކަމަށް ވިދާޅުވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަޚަށް ބަލާއިރު އެއީ އުމަރުގެ އެމްޑީޕީ އާއި ދެކޮޅު ސިޔާސަތުގެ ސަބަބުން ހުރަސް އެޅޭނެއެވެ. ސަބަބަކީ ހަމައެކަނި ޖޭޕީއަކަށް މަޖިލީހުގެ ތެރެއިން އެ ކަން ޙާސިލް ކުރެވޭނެ ފޯމިއުލާއެއް ނެތުމެވެ.
އެމްޑީޕީ އާއި އެކު ވާހަކަ ދައްކަން އުމަރު ބޭނުންފުޅު ނުވުމާއި ރައީސް ނަޝީދާއި މެދު އުމަރުގެ ދެކޮޅުވެރިކަމުގެ ސަބަބުން ގާސިމަށް ވެރިކަމަށް ކުރިމަތިލެއްވޭނެ މަގު މަޖިލީހުގެ ތެރެއިން ފަހިކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދު ލިބުމުގެ ފުރުސަތު ކުޑައެވެ.
ޖޭޕީގެ އެކްޓިވިސްޓުން ޤަބޫލުކުރާ ގޮތަށް އުމަރު ޖޭޕީ އާއި ގުޅިވަޑައިގަތުމުން މިފަހަރު ވެސް ސިޔާސީ ގޮތުން ވެސް ހުރިހާ ފައިދާއެއް ލިބިވަޑައިގަންނަވާނީ ޚުދު އުމަރަށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤާސިމަށް ކެންޑިޑޭޓްކަން ހޯދައިދޭކަށް އަދި ޕާޓީއަށް ކުރިއެރުން ހޯދައިދޭން އުމަރު އެއްވެސް ކަމެއް ނުކުރައްވާނެއެވެ. އުމަރު މަސައްކަތް ކުރައްވާނީ އަމިއްލަފުޅު ސިޔާސީ ހަޔާތް އުޖާލާ ކުރެއްވުމަށެވެ.
ގިނިކަންޏާއި ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން 2008 ވަނަ އަހަރު އުމަރަށް ލިބުނު ނަތީޖާ އަށް ބަލާއިރު ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާ ނަމަ އުމަރަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓް މުހިއްމެވެ. މިވަގުތު ކިރިޔާ ވެސް އުމަރަށް އެ ފުރުސަތު އޮތީ ޖޭޕީގެ ތެރެއިންނެވެ.
އެހެން ކަމުން އުމަރަށް ޖޭޕީ އަކީ ސިޔާސީ ގޮތުން ބޮންތިއަށް ވަޑައިގަންނަވަން އުމަރު ބޭނުންފުޅުވާ ފަދަ "ހަރުގަނޑެއް" ކަން ޔަޤީނެވެ. 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް އެ ހަރުގަނޑުން އުމަރު އަރާވަޑައިގެންނެވިއެވެ.
ސުވާލަކީ 2018ގައި ވެސް އުމަރަށް އެ ހަރުގަނޑުން އަރާވަޑައިގަތުމުގެ ފުރުސަތު ޖޭޕީގެ ތެރެއިން ލިބޭނެ ހެއްޔެވެ؟
ޖޭޕީގެ އެކްޓިވިސްޓުންގެ ޚިޔާލުތައް ހުރި ގޮތަށް ބަލާއިރު އެ ފުރުސަތު އުމަރަށް ދޭން އެމީހުން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެމައްސަލައިގައި ޖޭޕީގެ "ލީޑަރުން" ގޮތުގައި ތިއްބެވި ފަރާތްތަކުގެ ޚިޔާލު ހުރި ގޮތެއް ސާފެއް ނޫނެވެ.