2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ.މާފުށީ ޖަލުގައި އަނިޔާކޮށް މަރާލެވުނު އީވާން ނަސީމްގެ މަރުގެ މައްސަލަ އާއި އެ ހާދިސާއަށް ފަހު ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާ އަށް ފަހު މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފާޅުގައި ބޮޑެތި މަސައްކަތްތައް ފެށުނެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނު އަސާސީން ކަށަވަރުވެފައި ނެތް ދުވަސްވަރެއްގައި ރައްޔިތުން ނިކުމް ބިޔަ މުޒާހަރާތަކާއި އެއްވުންތައް ބޭއްވިއެވެ. މި އެއްވުންތަކާއި އެކު ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ޤާނޫނު އަސާސީ އިސްލާޙްކުރުމަށް ނިންމުމާއި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ މިނިވަންކަން ދިނުން ފަދަ އެތައް ކަމެއް ކުރުމަށް މައުމޫނުގެ ސަރުކާރުން ނިންމިއެވެ.
ތަމަޅަ ޓައިގަރުންގެ އެހީތެރިކަމާއި އެކު މައުމޫނުގެ ސަރުކާރު ބަދަލުކުރުމަށް ގެންނަން އުޅުނު ބަޣާވާތުން ވެސް މައުމޫނުގެ ވެރިކަމަށް ލޮޅުމެއް ނުގެނެވުނެވެ. އެހެން ނަމަވެސް މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި އެކު މައުމޫނުގެ ވެރިކަމަށް ލޮޅުން ގެނައެވެ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކަށް 5 އަހަރު ފަހުން މައުމޫނުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު ލީ "ރެނދުތަކުގެ" ސަބަބުން ކަމަށް މައުމޫނުގެ އަރިސް ބޭފުޅުން ވެސް ޤަބޫލުކުރައްވައެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި މައުމޫނުގެ ވެރިކަމުގެ ތަޚުތުގައި "ރެނދުލައްވާލީ" މާފުށީ ޖަލެވެ. އެޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެވެ. އަދި މައުމޫނުގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ފާޅުގައި ނިކުންނަން މެދުވެރިވި ހާދިސާތައް ހިނގި ތަނަކީ ކ. މާފުށީ ޖަލެވެ.
މައުމޫނުގެ ވެރިކަން ނިމުމަކަށް އައިތާ 11 އަހަރު ފަހުން މިއަދު އަނެއްކާ ވެސް މައުމޫނުގެ ސިޔާސީ ހަޔާތްޕުޅުގައި މާފުށީ ޖަލަކީ "ޚާއްސަ" ތަނަކަށް ވެއްޖެއެވެ. އެންމެ ގިނައިން ވަޑައިގަންނަވާ ތަނަކީ މާފުށީ ޖަލު ކަމަށް ވެއްޖެއެވެ. އެއީ ދަރިކަލުން ފާރިސް މާފުށީ ޖަލުގައި ބަންދުކުރެވިފައި ހުރުމުން އެބޭފުޅާ އަށް ޒިޔާރަތް ކުރެއްވުމަށެވެ.
ދަރިކަލުންނަށް ޒިޔާރަތް ކުރެއްވުމަށް މައުމޫނު ކ.މާފުށީ ޖަލަށް ވަޑައިގަންނަވާ ޚަބަރު ނޫސްތަކުން ފެންނައިރަށް ސޯޝަލް މީޑިޔާގައި މައުމޫނަށް ނުރުހުމުގެ ބަސްތައް އޮހެއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކ.މާފުށީ ޖަލުގައި ހިނގައި ދިޔަ ކަންތަކުގެ ހަނދާން އާކުރަމުންނެވެ.
މާފުށީ ޖަލަކީ ބޭއިންސާފުން އެތައް ބަޔަކަށް އަނިޔަ ލިބުނު މަރުކަޒެވެ. އެމަރުކަޒުގައި މިއަދުވެސް ބޭއިންސާފުން އަނިޔާލިބެމުންދާ މީހުން އެބަތިއްބެވެ. ހާއްސަކޮށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްއަށް ބޭއިންސާފު އަނިޔަލިބެމުން ދަނީ މާފުށީ ޖަލުގައެވެ. އެޖަލުގައި ބޭއިންސާފު ތަހައްމަލް ކުރަމުން ދިޔަ އެތައް ބަޔަކު ދުނިޔެ އަޅައި ގޮސްފިއެވެ.
މާފުށީ ޖަލަށް މައުމޫންގެ އާއިލާ ޒިޔާރަތް ކުރައްވައި ދޭތެރެދޭތެރެއިން ފޮޓޯ އާއްމު ކުރައްވަމުން ގެންދަވާއިރު މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ބަންދުގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ފާރިސް އަށް އިންސާފު ލިބޭނެތޯ ނުވަތަ ނޫންތޯ އެއީ ޖަވާބެއް ނެތް ސުވާލެކެވެ.