ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އައްޑޫ ރައްޔިތުންގެ ނަފްރަތު އަމާޒުވެފައިވާ އެންމެ ބޮޑު ސަބަބަކީ އައްޑޫގެ މަގުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރު ނުކުޅެދިފައިވުމެވެ. 2015 ވަނަ އަހަރުން ފެށިގެން އައްޑޫގެ މަގުތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް ހައުސިންގެ ޑިޕާޓްމަންޓެއް އުފައްދައި ކޯޑިނޭޓަރުންތަކެއް ލައިގެން ވެސް މަގުތައް ބެލެހެއްޓޭ ތަނެއް ނުފެނެއެވެ.
އައްޑޫގެ މަގުތަކުން ދަތުރުކުރާއި އިރު ކުރެވެނީ ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ.
އައްޑޫގެ މަގުތަކުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ކޮންމެ އާ އަހަރެއް ފެށޭއިރު، އަދި ދައުލަތުގެ ބަޖެޓަށް މަޖިލީހުގައި ބަހުސްކުރެވޭ އިރު ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން 2017 ވަނަ އަހަރު ފެށުމާއި އެކު ހައުސިން މިނިސްޓްރީން އެފަދަ އުފާވެރި ޚަބަރެއް އައްޑޫގެ ރައްޔިތުންނަށް ދިނެވެ.
ސަރުކާރުގެ ހެޔޮފުޅުކަމުން ތަބަކަށް ލާފައި ވެދުމަށް އެރުވި ވަޒީފާތަކުގައި ތިބި މީހުންނަށް އައްޑޫގެ މަގުތަކުގެ ހާލަތު "ނުފެނުމަކީ" މުޅިން އެހެން މައްސަލައެކެވެ. އެމީހުންނަށް 19 މަގުގެ ތާރު އެޅުމަށް ވުރެ މަގާމު މުހިއްމީ ކަމަށް ވެދާނެއެވެ.
ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޢަބްދުﷲ ޒިޔާދު، ފެބްރުއަރީ މަހުގެ ތެރޭގައި ޓީވީއެެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫގެ 19 މަގެއްގައި ތާރު އަޅައިގެން ހަދަން ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ޓެންޑަކޮށް ފެބްރުއަރީ މަހުގެ ތެރޭގައި ކޮންޓެކްޓަރާއި ހަވާލުކުރެވޭނެ ކަމަށެވެ.
ޒިޔާދު މިހެން ވިދާޅުވި ނަމަވެސް 2017 ވަނަ އަހަރު ނިމުމަކަށް އައި އިރުވެސް އައްޑޫގެ އެއްވެސް އަވަށެއްގެ މަގެއް ތާރު އަޅައިގެން ހަދަން ފަށާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
2014 ވަނަ އަހަރުން ފެށިގެން އައްޑޫގެ މަގުތައް ރަގަޅު ފެންވަރެއްގައި ހަދާ ވާހަކަ ސަރުކާރުން ދައްކަމުން އަންނައިރު ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އައްޑޫގެ މަގުތައް ހެދުމަށް އަދަދުތަކެއް ހިމަނައެވެ.
އެގޮތުން އައްޑޫ ސިޓީގެ މަގު ހެދުން ފޭސް 2 ގެ ނަމުގައި ބަޖެޓް ކުރެވިފައިވާ މަޝްރޫޢު ނުފެށި 2016 ނިމުނު ފަހުން ދެން އައްޑޫގެ މަގު ހެދުމުގެ ހަބަރެއް ވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން ފެށެން އެއް ދުވަހަށް ވެފައިވަނިކޮށެވެ.
މެއި 5 ވަނަ ދުވަހު އައްޑޫގެ މަގުހެދުމުގެ މަޝްރޫޢުގެ ވާހަކަ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ހިއްސާކުރެއްވީ ޓްވީޓަކުންނެވެ. އޭގެ 5 މަސް ފަހުން އަނެއްކާ ވެސް އެވާހަކަތައް ޓްވިޓާގައި މުއިއްޒު ތަކުރާރު ކުރެއްވިއެވެ.
ސަރުކާރުގެ ހެޔޮފުޅުކަމުން ތަބަކަށް ލާފައި ވެދުމަށް އެރުވި ވަޒީފާތަކުގައި ތިބި މީހުންނަށް އައްޑޫގެ މަގުތަކުގެ ހާލަތު "ނުފެނުމަކީ" މުޅިން އެހެން މައްސަލައެކެވެ. އެމީހުންނަށް 19 މަގުގެ ތާރު އެޅުމަށް ވުރެ މަގާމު މުހިއްމީ ކަމަށް ވެދާނެއެވެ.
ހަމަ ގައިމުވެސް މިނިސްޓަރުންގެ ޓްވީޓްތަކާއި އިންޓަވިއުތައް މެދުވެރިކޮށް އައްޑޫގެ 19 މަގުގައި "އަޅަން ފެށި" ތާރު އައްޑޫގެ ރައްޔިތުންގެ ލޮލަކަށް ނުފެނެއެވެ.