ދިވެހިންނަކީ ކުރިން އާންމުކޮށް ބައިސްކަލް ދުއްވައި އުޅުނު ބަޔެކެވެ. އެކަމަކު ޒަމާނަށް އައި ބަދަލުތަކާ އެކު މިހާރު ބައިސްކަލް ދުއްވުން ލަދުވެތި ކަމަކަށްވެ، ކޮންމެ މީހަކު ވެސް ދުއްވަން ބޭނުން ވަނީ ސައިކަލެއް ނުވަތަ ކާރެކެވެ.
ނަމަވެސް ބައިސްކަލް ދުއްވުމުން ލިބޭ ސިއްހީ ފައިދާތައް އެނގޭ ނަމަ ހަމަ ޔަގީނުން ވެސް ގިނަ ބަޔަކު ބައިސްކަލަކާ ދުރަކަށް ނުދާނެ އެވެ. މިއީ ހަރަކާތްތެރިކަން އިތުރުކޮށްދޭ ކަމެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ބައިސްކަލް ދުއްވުން ފަދަ ހަށިގަނޑު ހަރަކާތް ކުރުވާ ކަންތައްތަކަކީ ސިއްހީ ގޮތުން ވަރަށް ގިނަ ފައިދާތައް ކުރާ ކަމެކެވެ.
އެގޮތުން ބައިސްކަލް ދުއްވުމަކީ ވަރުބަލިކަމާއި ލޮޑުކަން ކަނޑުވާލަ ދީ، ކަންބޮޑުވުންތަކާއި ފިކުރުތަކުން ވެސް ދުރުކޮށްދޭ ކަސްރަތެއްގެ ގޮތުގައި ސިއްހީ ތަޖުރިބާކާރުން ވަނީ ސިފަކޮށްފަ އެވެ.
ކަކުލު ހުޅުގައި ރިއްސުމާއި އެ ނޫން ވެސް ފައިގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ވެސް ބައިސްކަލަކީ ފަރުވާއެކެވެ. ބައިސްކަލް ދުއްވަން އާދަ ކުރުމުން އެފަދަ މައްސަލަތަކުން ވެސް އަރައި ގަނެވެ އެވެ.
ބައިސްކަލް ދުއްވުމަކީ ފާޑެއްގެ އެރޮބިކްސްއެކެވެ. އެހެންވުމާ އެކު ބައިސްކަލް ދުއްވުމުން ހަށިގަނޑުގެ ކަށިތަކަށް ހަރަކާތްތެެރިކަން ގެނުވަ އެވެ. އެގޮތުން ފައިގެ މަސްތަކާއި ހުޅުތައް ވަރުގަދަކޮށް ދިނުމުގެ އިތުރުން އުނަގަނޑަށް ވެސް މީގެ ފައިދާ ކުރެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ހަކުރު ބަލި މީހުން ވެސް ބައިސްކަލް ދުއްވުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑު ޑިހައިޑްރޭޝަން ލެވެލް ރަނގަޅުކޮށްދެ އެވެ.
ހަމަމިއާ އެކު ބައިސްކަލް ދުއްވުމުން ހަށިގަނޑުގެ ބްލަޑް ކޮލެސްޓްރޯލް ވެސް ހަމައަކަށް އަޅުވައި ދެ އެވެ. އަދި ހިތާއި މައިދާގެ ހަރަކާތްތައް ރަނގަޅުކޮށްދެ އެވެ.