Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ސެލްފީ ނެގުމަކީ ނަފުސާނީ ބައްޔެއް!

ސެލްފީ ނެގުން ކަށީގައި ހިފާފައި ހުރުމަކީ ނަފުސާނީ ބައްޔެއް ކަމަށާއި އެކަމަށް ފަރުވާ ބޭނުންވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސެލްފީ ނެގުމުގެ "ބަލި" މިހާރު ސިފަ ކުރަނީ "ސެލްފިޓިސް" ގެ ގޮތުގަ އެވެ.

އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވަސިޓީ އާއި އިންޑިއާގެ ތިއަގަރަރާޖް ސްކޫލް އޮފް މެނޭޖްމަންޓް (ޓީއެސްއެމް) ގެ ރިސާޗަރުންގެ ޓީމަކުން ހެދި ދިރާސާގައި ބުނަނީ ޖެހުނު ކޮންމެ ތަނެއްގައި ކޮންމެ ހާލަތެއްގައި ވެސް ސެލްފީ ނަގަން އާދަވެފައިވުމަކީ ނަފުސާނީ މައްސަލައެއް ކަމަށްވާތީ އެކަމަށް ފަރުވާ ވެސް ހޯދަން ޖެހޭ ކަމަށެވެ.

އެމެރިކާގެ ސައިޓްރިއަކް އެސޯސިއޭޝަން (އޭޕީއޭ) އިން ވެސް ވަނީ "ސެލްފިޓިސް" އަކީ ނުރައްކާތެރި ހާލަތަކަށް މީހާ ގެންގޮސްފާނެ ނަފުސާނީ ބައްޔެއްގެ ގޮތުގައި 2014 ގައި ކަނޑައަޅައިފަ އެވެ.

ދިރާސާގައި ބުނާ ގޮތުގައި "ސެލްފިޓިސް" ގެ ތިން މަރުހަލާއެއްވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ "ބޯޑަލައިން" ގެ ގޮތުގައި ބެލެވޭ ދުވާލެއްގެ މައްޗަށް މަދުވެގެން ތިން ފަހަރު ސެލްފީ ނެގި ނަމަވެސް، ސޯޝަލް މީޑިއާގައި އެ ސެލްފީތައް ޕޯސްޓް ނުކުރުމާއި ދުވާލެއްގެ މައްޗަށް ތިން ފަހަރު ސެލްފީ ނަގައި ޕޯސްޓް ކުރަން އާދަވެފައިވާ "އެކިއުޓް ސެލްފިޓިސް" އާއި "ކްރޮނިކް ސެލްފިޓިސް" އެވެ.

މި ވައްތަރަށް ދެވި ހިފާފައިވާ މީހުން އެ މީހުންގެ އަމިއްލަ ފޮޓޯތައް މަދުވެގެން ދުވާލެއްގެ މައްޗަށް ހަ ފަހަރަށް ވުރެ ގިނައިން ނަގައި، އެތައް ފަހަރެއްގެ މަތިން ޕޯސްޓް ކުރެ އެވެ.

ދިރާސާގައި ބުނާ ގޮތުން ސެލްފީ އަށް ދެވި ހިފުމަކީ މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިންތިހާއަށް ބޮޑުކަން ދައްކައި ދިނުމާއި ސަމާލުކަން ހޯދުމާއި މޫޑަށް އަންނަ ބަދަލުތައް ދެއްކުމާއި އުޅޭ މާހައުލު އެހެން މީހުންނަށް ދައްކައި ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.