އައްޑޫގައި ވެމްކޯ އިން ކުނި ނެގުމުގެ ހިދުމަތް މިހާތަނަށް އެއްވެސް އަގަކާ ނުލައި ވެމްކޯ އިން ދޭތީ ގިނަ ބަޔަކު ތިބީ ވަރަށް އުފަލުންނެވެ. ޖީބުން އެންމެ ލޯލާރިއެއް ވެސް ހަރަދު ނުކޮށް މި ހިދުމަތް ލިބޭތީ އެކަމާ ގިނަ ބަޔަކު ތިބީ ޝުކުރު ވެސްކޮށްގެންނެވެ.
ނަމަވެސް މި މަހުގެ 12 ވަނަ ދުވަހު އެ ކުންފުނިން ވަނީ އައްޑޫގެ ކުނީގެ ހިދުމަތަށް މި މަހުން ފެށިގެން އަގު ނަގަން ފަށާނެކަން އިއުލާންކޮށްފަ އެވެ. އޭގައި އެއްވެސް މައްސަލައެއް ނެތެވެ. މި ހިދުމަތަކީ ގިނަ އަދަދެއްގެ މުވައްޒަފުންނާއޮި ވެހިކަލްތަކާއި މެޝިނަރީ ވެސް ބޭނުންކޮށްގެން ދޭ ހިދުމަތަކަށްވާތީ، އަގު ނަގަން ޖެހޭނެ އެވެ.
އެކަމަކު އަގު ނަގާނެކަން އިއުލާން ކުރުމަށް ފަހު އެކަން ވެމްކޯ އިން ކުރި ގޮތް ރަނގަޅު ނުވެގެން ގިނަ ބަޔަކު މިހާރު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިއްޔެ އިން ފެށިގެން ވެމްކޯ އިން މެސެޖެއް މެދުވެރިކޮށް، ބިލްގެ އަދަދު ހާމަ ކުރަން ފެށި އިރު، މބިލްގެ ޖުމްލައާ މެދު ބައެއް މީހުން ތިބީ ވާނުވާގަ އެވެ.
ހާއްސަކޮށް ގޭބިސީތަކުންނެވެ. ބިލަށް އަރާފައި އޮތީ 300ރ. އެވެ. ސުވާލަކީ މަހަކު ބިލަށް ދައްކަން ޖެހެނީ އެ ވަރު ހެއްޔެވެ؟ ނޫނެކެވެ. މަހަކު ގޭބިސީއަކުން ނަގާނެ ކަމަށް ބުނެފައި އޮތީ 100ރ. އެވެ.
އެހެންވެ ކުއްލިއަކަށް 300ރ. ގެ ބިލެއް އައުމުން ސުވާލު އުފެދުނީ އެވެ.
ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ބިލަކީ ފާއިތުވި ތިން މަހުގެ ބިލް ކަމަށެވެ. އެއީ ސެޕްޓެމްބަރާއި އޮކްޓޯބަރާއި ނޮވެމްބަރުގެ ބިލެވެ. އެހެންވެ ތިން މަހަށް 300ރ. އެރީ އެވެ.
އެކަމަކު މި މަސް ނިމިގެން ބިލް އަންނަ އިރު، ގޭބިސީތަކަށް އަންނާނީ 100ރ. ގެ ބިލެއް ކަމަށް ވެމްކޯ އިން ބުންޏެވެ.