އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އަލަށް ގެނައި 2 ޖަނެރޭޓަރު އިންޖީނުގޭގެ ނެޓްވޯކާއި ގުޅާލި ނަމަވެސް އެ ޖަނެރޭޓަރު ތަކުން ކަރަންޓު ދޫކުރަން ދުވަސްކޮޅެއް ނަގާނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކަ ހެޑް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އާ ޖަނެރޭޓަރުތަކުން ކަރަންޓު ދޫކުރުމަށް ކުރަންޖެހޭ ބައެއް ކަންތައް އަދި ނުނިމޭ ކަމަށެވެ.
"ވަރަށް ކުދި މަސައްކަތްތަކެއް އެބަހުރި ނުނިމި. ސީވޯޓަރ ކޫލިން ސިސްޓަމް އާއި ގުޅޭ މަސައްކަތްތަކެއް މިއުޅެނީ. އެކަންތައް ނިންމާލެވުމުން ކަރަންޓު ދޫކުރެވޭނީ. ދުވަސްކޮޅެއް ނަގާނެ"
ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް އާ ޖަނެރޭޓަރުތަކުން ކަރަންޓު ދޫކުރަން ފެށޭނެއެވެ. އެއާއި އެކު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެން ދާނެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގޭގެ ހާލަތު ރަގަޅު ކުރުމަށް 2 މެގަވޯޓުގެ 2 ޖަނެރޭޓަރު އައްޑޫއަށް ގެނައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ޖަނެރޭޓަރުތައް އައްޑޫއަށް ގެނައިތާ މާ ގިނަ ދުވަހެއް ނުވެ "މިނިވަން 50" ގެ ބޭނުމަކަށް ކަމަށް ބުނެ މާލެ ގެންދިޔަ އެވެ.
އައްޑޫން ގެންދިޔަ ޖަނެރޭޓަރު ތަކުގެ ބަދަލުގައި އާ ޖަނެރޭޓަރުތަކެއް އައްޑޫ އަށް ގެނައީ އޭގެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.