ސިޑްނީ ބަނދަރުގެ ރީތިކަމާއި، ނިއުޔޯކް ބަނދަރުގެ އަލިތަކަށްވުރެއް، މަގޭ މާލެ މާ ފަރިވެފައި ރީތިކަމަށް މޭނާ ޙައްސާން ޖޯޝާއިއެކު ކިޔާފައިވާ ލަވައަކީ ދިވެހިންގެ ލޭކައްކުވާލާ ކަށިން ހިތްވަރު ނެރޭ މިޒާޖުގެ ލަވައެކެވެ. މާލޭގެ ތަރައްގީއާއި ރީތިކަމުގެ ވާހަކަ ދައްކައި، އެތައް ބައެއްގެ ހަޔާތް އެއްކޮށް ކުލީގެ އަޅުވެތިކަމުގައި ޖެއްސީ ނޭނގުމެއްގެ ތެރެއިންނެއް ނޫނެވެ. މިއީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކުރިކަމެކެވެ.
ބައްޕައާއި މަންމަ 24 ގަޑިއިރު ގަނަ ތެޅިގެން ގޭގެ ކުއްޔާއި ބިލުތައް ދައްކާނިމޭއިރު އަތުގައި ހޭދަކޮށްލަން ބައި ލޯ ލާރިވެސް ނޯވެއެވެ. މިއީ އަޅުގަނޑުމެންނަށް އައު ވާހަކައެއް ނޫނެވެ. މިއީ، އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްފިނަމަ ހައްލު ކުރެވޭނެ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި 2 ޤާނޫނެއް ބޭނުންވެއެވެ. އެއީ؛ ޢިމާރާތް ކުއްޔަށްދިނުމުގެ ޤާނޫނަކާއި ޢިމާރާތްކުރުމުގެ ޤާނޫނެކެވެ.
ޢިމާރާތް ކުއްޔަށްދިނުމުގެ ޤާނޫނު
ޢިމާރާތް ކުއްޔަށްދިނުމުގެ ޤާނޫނެއް މިހާތަނަކަށް ދިވެހިރާއްޖޭގައި ހެދިފައެއްނުވެއެވެ. ނަމަވެސް، މިއީ އަޅުމާލޭގައި ގަނަތެޅެން ޖެހިފައިވާ އަޅުގަނޑުމެން ކަހަލަ މީހުންނަށް ކިހާ މުހިންމު ޤާނޫނެއްކަން ކުރުކޮށް ކިޔައިދޭނަމެވެ. ޢިމާރާތެއް ކުއްޔަށްދިނުމުގެ ކުރިން ޢިމާރާތުގެ އޮޑިޓެއް ކުރަންޖެހޭނެކަމަށް ޢިމާރާތް ކުއްޔަށްދިނުމުގެ ޤާނޫނުން ލާޒިމުކުރެވޭނެއެވެ. މި އޮޑިޓުން، ކުއްޔަށްދޭން ކަނޑައަޅާ ޢިމާރާތުގެ ނުވަތަ އެޕާޓްމަންޓުގެ ފެންވަރާއި ކުޑަބޮޑުމިން އެނގޭނެއެވެ.
މިޤާނޫނުގެ ދަށުން ކުލި ހިފެހެއްޓުމުގެ ޤާވާއިދެއް ހަދައި، ކުއްޔަށްދިނުމަށް ކަނޑައަޅާ ތަނުގެ ފެންވަރާއި ކުޑަބޮޑުމިނަށް ބެލުމަށްފަހު އެތަނަކުން ވަކިވަރަކަށްވުރެއް މަތިން އަގުނުނެގޭގޮތަށް މަޖުބޫރުކުރެވޭނެއެވެ. ޑިޕޮސިޓް ސެކުއިރިޓީ ފަންޑެއް މި ޤާނޫނުގެ ދަށުން އުފެއްދިދާނެއެވެ. ކުއްޔަށް ހިފަން ބޭނުންވާ މީހާގެ ޑިޕޮސިޓް ފައިސާ ދައްކާނީ މި ފަންޑަށެވެ. މައްސަލައެއް ދިމާވެއްޖެނަމަ، ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާފަރާތުގެ ހުއްދައާއިއެކު ފަންޑުން ރުފިޔާ ނެގޭގޮތަށް ހަމަޖެހުމުން މި ވިޔަފާރި މުޢާމަލާތް ދެބައިމީހުންނަށްވެސް ފަސޭހަވެގެންދިޔައީއެވެ.
ޢިމާރާތްކުރުމުގެ ޤާނޫނު
ކުލި ކޮންޓްރޯލްކޮށްފިނަމަ ކުއްޔަށް ދޫކުރާ ތަންތަނުގެ ފެންވަރު ދައްވެދާނެކަމުގެ ބިރު އެބަ އޮތެވެ. މިކަން ހައްލުކުރުމަށްޓަކައި ރަނގަޅު ޢިމާރާތްކުރުމުގެ ޤާނޫނެއް ބޭނުންވެއެވެ. 23 އެޕްރީލް 2017 ވަނަ ދުވަހު "ޢިމާރާތްކުރުމުގެ ޤާނޫނު" ވަނީ ގެޒެޓުކުރެވިފައެވެ. މި ޤާނޫނުގެ ފަސްވަނަ ބާބުގައި "ބިލްޑިންގ ކޯޑު" ގެ ވާހަކައެއް އޮވެއެވެ. މިކޯޑުގައި ޢިމާރާތަކުން ޙާޞިލުވާންޖެހޭ ކަންކަން ލިޔެވިފައި އޮންނަންޖެހޭކަމަށް ބުނެފައިވެއެވެ. މިއީ ކުރިއެރުމެކެވެ. ނަމަވެސް މިއަދާ ހަމައަށް، ޤާނޫނު ގެޒެޓުކުރިތާ 8 މަސް ވެގެންދާއިރު ބިލްޑިންގ ކޯޑު ގެޒެޓުކޮށްފައެއް ނުވެއެވެ
މިއީ މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެކެވެ. ދާއިމީ ހައްލަކީ ލާމަރުކަޒީ ނިޒާމެވެ. ލާމަރުކަޒީ ނިޒާމަކީ، މަތިން ތިރިއަށް އޮންނަންޖެހޭ ނިޒާމެއް ނޫނެވެ. މައި ސަރުކާރުގެ ދަށުން ގޮފިތަކެއް ހެދި ބައިބައިވާންޖެހޭ ނިޒާމެއްނޫނެވެ. ރަށުގައި ހިންގަން ބޭނުންވާ މަޝްރޫޢުތަކުގެ އިސްރޯލެއް އަދާކުރަންވާނީ ރަށު ކައުންސިލުންނެވެ. މައި ސަރުކާރުންނެއް ނޫނެވެ. މައި ސަރުކާރު ވާންޖެހޭނީ ބެލެނިވެރި ސަރުކާރަކަށެވެ. ދައުލަތުގެ މުއްސަނދިކަން ހުރިހާ ރައްތަކަކަށް އެރަށަކަށް ބޭނުންވާ ނިސްބަތުން ބަހައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަށް ފޯރުކޮށްދިނުމަށް ރަށު ސަރުކާރުތަކަށް މަގުފަހިކޮށްދީ އެހީވެދޭ ބަޔަކަށް މައިސަރުކާރު ވާންޖެހޭނެއެވެ. ލާމަރުކަޒީނިޒާމު ވާންޖެހޭނީ ރަށްރަށުގެ ސަރުކާރުތަކެއް އެއްވެގެން އަތޮޅު ސަރުކާރެއް އުފެދި، އަތޮޅު ސަރުކާރުތަކެއް އެއްވެގެން ޕްރޮވިންސް ސަރުކާރެއް އުފެދި، ޕްރޮވިންސް ސަރުކާރުތައް އެއްވެ މައި ސަރުކާރު އުފެދޭ ނިޒާމަކަށެވެ.