އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ގެނެސްފައިވާ 2 މެގަވޯޓްގެ ދެ ޖަނެރޭޓަރުން ޑިސެމްބަރު މަހުގެ ނިޔަލަށް ކަރަންޓު ދޭން ނުފެށޭނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.
މީގެ ކުރިން ފެނަކަ އިން ބުނެފައި ވަނީ މި މަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އައްޑު އަށް ގެނައި 2.2 މެގަވޯޓުގެ ދެ ޖަނެރޭޓަރު އިންސްޓޯލްކޮށް ކަރަންޓު ދޫކުރަން ފެށޭނެ ކަމަށް ފެނަކައިން އޭރު ވަނީ ބުނެފަ އެވެ.
ނަމަވެސް އެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ޖަނެރޭޓަރުތަކަށް ބޭނުންވާ ސީވޯޓާ ކޫލިން ސިސްޓަމްގެ ބައެއް މަސައްކަތް އަދި ނުނިމެ އެވެ.
އެހެންވެ މިހާރު ފެނަކައިން ލަފާ ކުރަނީ އާ ޖަނެރޭޓަރުތަކުން ކަރަންޓު ދޫކުރަން ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.