އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް 4 އަހަރު ފުރިގެން ހިނގައްޖެއެވެ. ކަރަންޓުގެ މައްސަލަ ހައްލު ނުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހެނީ ކުރީގެ ސަރުކާރުތައް ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ޤަބޫލުކުރެއެވެ.
ކަރަންޓުގެ މައްސަލައިގެ ވާހަކަ ދެއްކުމަކީ ފެނަކައިގެ އިސްވެރިން އަދި ޕީޕީއެމްގެ އެކްޓިވިސްޓުން ޤަބޫލުކުރާ ގޮތުގައި ސަރުކާރާއި މެދު ނަފްރަތު އުފެއްދުމެވެ. ނުވަތަ ޝުކުރުވެރި ނުވުމެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން ކޮންމެ ގޮތަކަށް ޤަބޫލުކުރިޔަސް 4 އަހަރު ދުވަސް ތެރޭގައި ކަރަންޓުގެ މައްސަލަ ހައްލުކޮށް ނުދެވުނެވެ. ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 2 ޖަނެރޭޓަރެއް ގެނައިތާ ދުވަސްކޮޅެއް ނުވެ މާލެ ގެންދިޔައެވެ. އޭގެ ބަދަލުގައި އާ ޖަނެރޭޓަރުތަކެއް ލިބުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
އެ ޖަނެރޭޓަރުތައް އިންސްޓޯލް ކުރަން ފެށުނީ ވެސް ގެނައިތާ އަހަަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އަދި އިންސްޓޯލްކުރުމަށް ފަހު ކަރަންޓު ދޫކުރަން ބުނި މުއްދަތު ވެސް ފަހަނަޅައި ދިޔައިރު ކަރަންޓުގެ މައްސަލަ ހައްލެއް ނުވެއެވެ. މިއީ ނަފްރަތު އުފެއްދުމެއް އަދި ޝުކުރުވެރި ނުވުމެއް ވެސް ނޫނެވެ. ލޮލަށް ފެންނަން ހުރި ކަންކަމެވެ.
ރައްޔިތުން ތިބީ ޑިސެމްބަރު މަހުގެ ނިޔަލަށް ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ފެނަކަ ކޯޕަރޭޝަނަށް އިތުބާރުކޮށްގެންނެވެ. އެހެން ނަމަވެސް ޑިސެމްބަރު މަސް ނިމެން ހަފްތާއަކަށް ވެފައި ވަނިކޮށް ގެތަކަށް ލިބުނީ އިންޒާރެކެވެ. ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރެވެ.
ދެން އޮތީ ފެނަކައިން ބުނާ "ޖެނުއަރީ މަހުގެ ކުރީކޮޅު" އަންނަން ދެން ބަލަން ތިބުމެވެ. ފެނަކައިން އައްޑޫގެ ކަރަންޓުގެ މައްސަލައިގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު "ޖެނުއަރީ މަހުގެ ކުރީކޮޅު" އަންނާނީ ކިހާ ހިސާބެއްގައި ކަން އަންދާޒާ ކުރުމަކީ ވެސް ދަތި ކަމެކެވެ.