ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކާއި މެދު ރައްޔިތުން ވިިސްނުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
ޅ. ހިންނަވަރުގެ ބޯފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބައެއް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކާއި މެދު ވިސްނެވުމަށާއި ޖައްވަށް ވަޑައިގަންނަވާ ވާހަކަ ދައްކަވައިފި ނަމަ އެއީ ސިކުނޑީގެ އުނިކަމެއް ހުރީ ކަމަށް ބެލުމަށް އެދިވަޑައިގެންފައެވެ.
"ރައީސް ޔާމީން ވެސް ޖައްވަށް ދަތުރުކުރާ ވާހަކަ ދައްކައިފިއްޔާ, ރައީސް ޔާމީނުގެ ސިކުނޑީގައި މިހާރުވެސް އުނިކަމެއް އުޅޭ، އެއިރުން އަދި އަނބުރާ އިޔާދަ ނުކުރެވޭ ވަރަށް ސިކުނޑި ގޯސްކަމަށް ނިންމަންވާނެ."
ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގައި ނަރުދަަމާ އާއި ފެނުގެ ނިޒާމު ނެތް ވާހަކަ ދައްކަމުންދަނިކޮށް، ޚިޔާލުގައި ނުކުރެވޭ ވަރުގެ މޮޅު ވާހަކަ ދައްކާ ނަމަ އެއީ "އެހެން ދުނިޔެއަކުން އައިސްގެން އުޅޭ އޭލިއަނެއް" ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ހިމެނުމުގެ ކުރިން އެފަދަ މީހުންނަަށް ރަސްގެ ދޭންޖެހޭ ކަމަށެވެ.
"ރައީސް ޔާމީނު ވެސް ނާސާގެ އުޅަނދުފަހަރު ދަތުރުކުރާ ފަދައިން ސްޕޭސްއަށްދާ ވާހަކަ ދައްކައިފި ނަމަ މި ދެންނެވީ އެކަހަލަ ނުކުރެވޭ ވަރުގެ މޮޅު ވާހަކަ ދައްކައިފި ކަމަށް ވަންޏާ އެ ހިސާބުން ގަބޫލުކުރަންވާނެ މިއުޅެނީ އަދި އެހެން ދުނިޔެއަކުން އައިސް އުޅޭ އޭލިއަނެއްކަން." ރައީސް ޔާމީން ވިދާޅުވި އެވެ.
ޖައްވަށް ދާ ވާހަކަ ދައްކާ ސިޔާސީ މީހުންގެ ސިކުނޑި އިޔާދަ ނުކުރެވޭ ވަރަށް ގޯސްކަމަށް ނިންމަންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާއިރު، ޖައްވަށް ދާ ވާހަކަ އެންމެ ގިނައިން ދައްކަވާ އެއްބޭފުޅަކީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ(އައިބީ)އެވެ.
އެގޮތުން ދާދިފަހުން ގދ.ތިނަދޫގައި ޕީޕީއެމްއިން ބޭއްވި "ހެއްޔޯސާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވެފަައި ވަނީ، ފޭދޫން ރޮކެޓްގައި ދިޔައީ އެބޭފުޅާ ކަމަށާއި އަދި މިވަގުތު ހުންނެވީ ޖައްވުގައި ކަމަށެވެ.