Last Updated: November 23, 21:59
Saturday, November 23, 2024
ރިޕޯޓް

ޓީވީ ގޭމް ކުޅުމަކީ ނަފުސާނީ މައްސަލައެއް!

ވީޑީއޯ ގޭމް ކުޅެން ދެވި ހިފުމަކީ ނަފުސާނީ މައްސަލައެއް ކަމަށް އަންނަ އަހަރު ރަސްމީކޮށް ކަނޑައަޅަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނިންމައިފި އެވެ.

އެ ޖަމާއަތުން މިކަމާ ގުޅޭ ގޮތުން ހެދި ދިރާސާއަކަށް ފަހު ނެރުނު ކަރުދާހެއްގައި ބުނީ އެތައް ގަޑިއިރެއް ވަންދެން ދިރިއުޅުމުގެ މުހިއްމު އެހެން ކަންތައްތަކާ ނޫޅޭ، ވީޑިއޯ ގޭމްގެ ދުނިޔެ އަށް ގެއްލުމަކީ ސިއްހީ ބޮޑު މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ ނަފުސާނީ މައްސަލަތައް ވެސް ގިނަ ކަމަށެވެ.

އެގޮތުން ޑިޕްރެޝަނަށް ދިއުމާއި ހަނދާން ނެތޭ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ވީޑިއޯ ގޭމް ކުޅެން ދެވި ހިފައިފި ނަމަ ކުރިމަތި ވާނެ ކަމަށް ޑަބްލިއުއެޗްއޯގެ ކަރުދާހުގައި ބުންޏެވެ.

އެ ޖަމާއަތުން ބުނީ "ގޭމިން ޑިސްއޯޑާ" އަކީ ނަފުސާނީ ބައްޔެއް ކަމަށް އަންނަ އަހަރުގެ ތެރޭގައި ކަނޑައަޅާނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ނަފުސާނީ މައްސަލަތައް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ލިސްޓް އެންމެ ފަހުން މުރާޖައާކޮށްފައި ވަނީ މީގެ 27 އަހަރު ކުރިން 1990 ގަ އެވެ.

އެކަމަކު ދިރިއުމަށް އައި ބަދަލުތަކާ އެކު، ދިމާވާ ސިއްހީ ގިނަ މައްސަލަތައް ފެންމަތިވަމުން ގޮސް، ބައެއް ކަންކަން ސީރިއަސް މަރުހަލާއަކަށް ގޮސްފައިވާތީ "ގޭމިން ޑިސްއޯޑާ" އަކީ ނަފުސާނީ މައްސަލައެއް ކަމަށް ކަނޑައަޅަން ނިންމީ އެވެ.

މިކަމާ ބެހޭ ގޮތުން ޑަބްލިއެޗްއޯގެ މެންޓަލް ހެލްތު އެންޑް ސަބްސްޓޭންސް އެބިއުޒް ޑިޕާޓްމަންޓްގެ މެމްބަރު ލަޑިމިއާ ޕޮޒިއަންކް ވިދާޅުވީ ގޭމަށް ދެވި ހިިފުމަކީ ވަރަށް ސީރިއަސް ސިއްހީ މައްސަލައެއް ކަމަށާއި އެކަމަށް ސަމާލު ވާން ޖެހޭ ކަމަށެވެ.

"ގޭމް ކުޅުމަކީ ބައެއް ހާލަތްތަކުގައި ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައި ދާނެ ކަމެއް. އެހެންވެ އެކަމާ ދޭތެރޭ ފަރުވާތެރި ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ޓީވީ ގޭމް ކުޅެން ދެވި ހިފާފައިވާ 10 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުން ގޭމް ކުޅެން 12 ގަޑި އިރާއި 24 ގަޑިއިރާ ދެމެދުފެ ވަގުތެއް ކޮންމެ ދުވަހަކު ވެސް ހޭދަ ކުރެ އެވެ.

މީގެ ސަބަބުން ނުކުންނަ ނަތީޖާއަކީ ހަރަކާތްތެރިކަން ކުޑަވުމާ އެކު، އެހެން ކަންކަމަށް ދެވޭ ޝައުގުވެރިކަން ގެއްލި ލޮލުގެ މައްސަލަތަކާ އެކު ސިކުނޑި އަށް ވެސް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުމެވެ.