މިއަދު އައްޑޫ ލިންކް ރޯށްގައި އެކްސިޑެންޓްވި އެންވަޔަރަމަންޓް މިނިސްޓްރީގެ ވެހިކަލްގެ އަހަރީ ފީ ދައްކާފައި ނުވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެ އެވެ.
އެކްސިޑެންޓް ހިނގި ސީނަށް ދިޔަ ފުލުހުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވެހިކަލް ޗެކްކުރި އިރު އޭގައި އަހަރީ ފީ ސްޓިކާއެއް ނެތްކަން 'އައްޑޫލައިވް' އަށް ވަނީ ކަށަވަރު ވެފައެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާ ވާހަކަ ދެއްކި އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފަކު ވެސް ބުނީ ވެހިކަލްގެ އަހަރީ ފީ ދައްކާފައި ވަނީ އެކްސިޑެންޓް ހިނގި ފަހުން ކަމަށެވެ.
މިއަދުގެ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕް ޓްރަކުން ސައިކަލެއްގައި ޖެހިގެންނެވެ. އެ ވަގުތު ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ނަމަވެސް އެކަމުގައި ވެސް އަނިޔާވި ދެ ޒުވާނުންގެ އާއިލާ އަށް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ސަރުކާރުގެ އެހެން އިދާރާއަކުން ވެސް މިހާތަނަށް އެހީތެރި ކަމެއް ފޯރުކޮށް ދީފައެއް ނުވެ އެވެ.