އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕް ޓްރަކަކުން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ޒުވާނުން، އިތުރުފަރުވާއަށް މާލެއަށް ފުރުވޭނެ ގޮތެއް ނެތިގެން އާއިލާއިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ވެހިކަލުން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭގެ ތެރެއިން 18 އަހަރުގެ ޒުވާނާގެ ބޮލަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފަ އެވެ.
'އައްޑޫލައިވް' އާ ވާހަކަ ދައްކަމުން އެ ޒުވާނާގެ އާއިލާގެ މެންބަރަކު ބުނީ، އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް މިއަދުގެ އެއްވެސް ފްލައިޓަކުން ޖާގަ ނުލިބޭ ކަމަށް ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ. އަދި އާއިލާގެ ފަރާތުން ޖާގަ ހޯދުމަށް މަސައްކަތް ކުރުމަށް އަންގާފައިވާ ކަމަށެވެ.
"ދަރިފުޅުގެ ހާލު އެހާ ސީރިއަސް އިރު، މާދަމާ ކަމަށް ޖާގަ ލިބޭނީ މިބުނަނީ. ހެޔޮވާނީ ކިހިނަކުންތޯ؟ އަހަރުމެންނަށް ވީ ކަމެއް މަސައްކަތް އެބަކުރަން. މިކުދިން ގައިގައި ޖެހުނު ޕިކަޕު ދުއްވި އެންވަޔަރަމަންޓު މިނިސްޓްރީ އަކުން ވެސް އެކުދިން ކޮބައިތޯ ވެސް ނުބަލާ." އޭނާ ބުންޏެވެ.
ހިތަދޫ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އަބަދުވެސް، ސީރިއަސް ކޭސްތަކުގައި އަމަލުކުރާ އުސޫލުން އެކްސިޑެންޓްގައި ޒަޚަމްވި ދެ ޒުވުނާނުން ވެސް ފުރުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އަދި ޖާގަ ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކްސިޑެންޓްވި ދެ ޒުވާނުންގެ ތެރެއިން 13 އަހަރުގެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކުގައި އެތެރެހައްޓަށް ލޭ އެޅިފައިވާ ކަމަށް ބެލެވޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ދުވަސްކޮޅަކީ، އަހަރީ ޗުއްޓީ ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ގަމުން މާލެ އަށް ދަތުރުކުރާތީ މޯލްޑިވިއަން އިން ޖާގަ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޭގެ ސަބަބުން މޯލްޑިވިއަން އިން ގަމަށް އިތުރު ފްލައިޓްތަކެއް ވެސް ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.