އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މިިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޕިކަޕް ޓްރަކަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމް ނިޔާވިތާ މިއަދަށް 3 ދުވަސް ވީއެވެ. އަދިވެސް ފުލުހުންނާއި ރަސްމީ އިދާރާ އަކުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ސަރުކާރުގެ ވުޒާރާއެއްގެ ވެހިކަލަކުން ޖެހިގެން ކަމަށް ވުމުން ހެއްޔެެވެ؟ ނުވަތަ އެކްސިޑެންޓްގައި ނިޔާވި ކުއްޖާ އަކީ ސިޔާސީ ލީޑަރެއް ނުވަތަ ބޮޑު ވިޔަފާރިވެރިއެއްގެ ދަރިއަކަށް ނުވީމައި ހެއްޔެވެ؟ މިއީ އާއްމު ރައްޔިތުން މިއަދު ކުރަމުންދާ އެހެން ނަމަވެސް ޖަވާބު ނުލިބޭ ސުވާލުތަކެކެވެ.
ފާއިތުވި އަންގާރަ ދުވަހު ސ.ހިތަދޫ ލިންކް ރޯޑުގައި އަރުޝަމް އިބްރާހިމް އާއި އޭނާގެ ރައްޓެއްސަކު ދުއްވާފައި ދިޔަ ސައިކަލަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އެކްސިޑެންޓް ވެފައި ވަނީ ޕިކަޕު ޓްރަކުން އެ ސައިކަލުގައި ޖެހިގެންކަން އެނގެއެވެ. ސައިކަލުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާއިރު ކުރީ ކޮޅަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓްގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން އެކްސިޑެންޓް ހިނގި ސީން ބަންދުކުރުން ލަސްވުމާއި އަދި މާގިނަ އިރުތަކެއް ނުވެ ހުޅުވާލުމާއި، އެކްސިޑެންޓްވި ޕިކަޕް "ދޫކޮށްލުން" ފަދަ ކަންތަކާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
އަދި މީގެ އިތުރުން ޕިކަޕް ދުއްވަން ހުރި ފަރާތް ތަހުގީގަށް ހައްޔަރު ނުކުރުމަކީ ވެސް އެއްބަޔަކު ސުވާލު އުފައްދާ ކަމެކެވެ.
ގިނަ ބަޔަކު މިފަދަ ސުވާލު ތައް އުފައްދާ ސަބަބަކީ މީގެ ކުރިން ލިންކް ރޯޑުގައި ހިނގާފައިވާ މިފަދަ އެކްސިޑެންޓްތަކުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ކަމަށް ބެލެވެއެވެ.
އެގޮތުން 2014 ވަނަ އަހަރުގެ ތެރޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 ޒުވާނަކު ނިޔާވި އެކްސިޑެންޓާއި ގުޅިގެން ޕިކަޕް ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އެފަހަރު ފުލުހުންގެ ފަރާތުން ބަޔާންތަކެއް ވެސް ނެރުނެވެ.
އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު 2013 ވަނަ އަހަރުގެ ތެރޭގައި ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރަކުން ޖެހި ކުޑަކުއްޖަކު ނިޔާވިއެވެ. އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން ހުރި ޒުވާނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ވަނީ އުފުލާފައެވެ. އެ އެކްސިޑެންޓް ތަހުގީގު ކުރުމަށް 2 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން އެކްސިޑެންޓް ހިނގި ސީން ބަންދުކޮށްފައި އޮތެވެ.
މި ދެ ފަހަރު ވެސް އެކްސިޑެންޓް ހިނގުމާއި އެކު ހެން ފުލުހުންގެ ބެލުމުގެ ދަށުގައި ވެހިކަލްތައް ބެހެއްޓިއެވެ.
އެހެން ނަމަވެސް އަރުޝަމް ނިޔާވި އެކްސިޑެންޓް ހިނގިތާ މާގިނަ އިރުތަކެއް ނުވެ އެންވަޔަރަމަންޓުގެ ޕިކަޕް ޓްރަކް ގެންދިޔައީ ކައުންސިލް އިދާރާގެ ޕާކިން އަށެވެ. އެއީ އަބަދުވެސް އެ ޕިކަޕް ޓްރަކް ބާއްވާފައި އޮންނަ ތަނެވެ.
ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ބުދަ ދުވަހުގެ ވަގުތެއްގައި ޕިކަޕް ވަނީ އެތަނުން ގެންގޮސްފައެވެ. ޕިކަޕް އޮތީ މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވާހަކަ ދެކެވުނަސް އެކަން ފުލުހުންގެ ފަރާތުން ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިޔަ ނަމަ އެކަން ކުރަންވީ އެކްސިޑެންޓަށް 24 ގަޑިއިރު ވީ ފަހުން ހެއްޔެވެ؟
އެންވަޔަރަމަންޓް މިނިސްޓްރީގެ ޕިކަޕް ޓްރަކުގެ އަހަރީ ފީ ދެއްކީ އެކްސިޑެންޓަށް ފަހު ކަމަށް ބުނާ ވާހަކަ އެ މިނިސްޓްރީން ދޮގުކުރި ނަމަވެސް، އަހަރީ ދީ ދެއްކި ސްލިޕް ވެސް ސޯޝަލްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ. އަދި އެކްސިޑެންޓް ހިނގި ވަގުތު ސީނަށް ދިޔަ ފުލުހުންނަށް ވެސް އަހަރީ ފީ ދައްކާފައި ނުވާކަން ފާހަގަކުރި އެވެ.
އައްޑޫގައި ހުންނަ ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެކްސިޑެންޓްވި ވެހިކަލްގެ ރަޖިސްޓްރީ ފީ ދެއްކުމަށް ރަޖިސްޓްރީގެ ކޮޕީއެއް ދޫކުރި ކަމަށެވެ. އަދި އެ ރަޖިސްޓްރީގެ އޮރިޖިނަލް ދޫކުރަނީ އަހަރީ ފީ ދައްކައިގެން އައުމުން ކަމަށާއި އެކްސިޑެންޓްވި ތާރީޚާއި ހަމައަށް ރަޖިސްޓްރީގެ އޮރިޖިނަލް ނަގާފައި ނުވާ ކަމަށެވެ.
ސަރުކާރުގެ ވުޒާރާއެއްގެ ވެހިކަލަކަށް ވިޔަސް އަދި އާއްމު ރައްޔިތަކު ދުއްވާފައި ދިޔަ ވެހިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގިޔަސް އެކަމެއްގެ ތަހުގީގު ގެންދަން ވާނީ އެއް ހަމައަކުންނެވެ.
އަރުޝަމް އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވިޔަސް އޭނާ ވަކިވެ ދިޔުމަކީ އެ އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ. މުއްސަންޖެއްގެ ދަރިއަކަށް ނުވަތަ ނުފޫޒުގަދަ މީހެއްގެ ދަރިއަކަށް ނުވުމަކީ އޭނާ ނިޔާވާން މެދުވެރިވި އެކްސިޑެންޓް ތަހުގީގު ކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ.
އަންގާރަ ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް ފުލުހުންގެ މީޑިޔާ އޮފިޝަލަށް އައްޑޫލައިވް އިން ތަކުރާރުކޮށް ގުޅި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.