މި ސަރުކާރުން އައްޑޫގައި އިމާރާތް ކުރި ފްލެޓްތައް އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ބުނި ނަމަވެސް، އެކަން ނުވެ އަހަރު ނިމުމަކަށް އަތުވެއްޖެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި އެޅި 264 ފްލެޓާއި ހުޅުމީދޫގައި އެޅި 48 ފްލެޓްގެ މަސައްކަތް ނިމިފައި ހުންނަތާ މިހާރު ދޮޅު އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ. މި ފްލެޓްތަކަށް ކުރިމަތިލާން އެންމެ ފުރަތަމަ ހައުސިން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ނަމަވެސް ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ ފްލެޓްތައް ހަވާލު ކުރާނެ ކަމަށް އެކި މުއްދަތުތައް ދެމުން ގޮސް އެންމެ ފަހުން ބުނެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށެވެ.
ނަމަވެސް ފްލެޓް ހަވާލު ނުކުރެވުނު ތާނގައި، ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް ވެސް އާންމެއް ނުކުރެވުނެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ލިސްޓް މިދިޔަ މަހު އާންމު ކުރާނެ އެވެ.
RYameen ge sarukaarun S.Hithadhoo gai binaa koffaivaa housing units thah:mi units thakuge haqquverinnaa units thah miaharu havaalu kureveyne pic.twitter.com/V1Nda1rXdz
— Dr.Mohamed Muizzu (@MMuizzu) July 29, 2017
އެނގިފައިވާ ގޮތުގައި ފްލެޓްތައް ހަވާލު ނުކުރެވިގެން އުޅެނީ ފްލެޓްތަކަށް ކަރަންޓް ނުދެވުމާއި ނަރުދަމާ އެޅިފައި ނެތުމުންނެވެ. ކަރަންޓް ގުޅެން އޮތީ ހިތަދޫ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ކެޕޭސިޓީ މަތި ކުރެވި ފްލެޓްތަކަށް ކަރަންޓް ގުޅުމަށް އެ ސަރަހައްދުގައި ޓްރާންސްފޯމަރު ބެހެއްޓިގެންނެވެ. އެ މަސައްކަތް ވެސް އަދި އޮތީ ނުކުރެވި އެވެ.
ފްލެޓްގެ ނަރުދަމާގެ ކަންކަން ފުރިހަމަ ކުރެވެން އޮތީ ހިތަދޫގައި ނަރުދަމާ އެޅިގެންނެވެ. އެ މަަސައްކަތްވެސް އަދި ނިމޭނެ ތާރީހެއް ނޭނގެ އެވެ.