ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި، އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ ސްޕަސްޓާ ރަޖްނީކާންތު ސިޔާސީ ދާއިރާ އަށް ވަންނަން ނިންމިކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.
ޗެންނާއީގައި އެތައް ހާސް ބަޔަކު ބައިވެރިވި އެއްވުމެއްގައި 67 އަހަރުގެ ނުފޫޒުު ގަދަ އެކްޓަރު ބުނީ ސިޔާސީ ދާއިރާ އަށް ވަންނަން ރަސްމީކޮށް ނިންމީ ގައުމުގެ ކަންކަން އިސްލާހުގެ މަގަށް އަޅުވަން ކަމަށެވެ.
އެތައް ފިލްމެއް ކުޅެފައިވާ ރަޖްނީކާންތު ބުނީ އިންޑިއާގެ ޑިމޮކްރަސީ މިހާރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށާއި ރައްޔިތުންގެ މައްޗަށް ގިތް ނިންމަން ތިބި ސިޔާސީ ބައެއް މީހުން ތިބީ ކޮރަޕްޓްވެފައި ކަމަށް ވެސް ބުންޏެވެ.
"އެފަދަ މީހުން އަންނަނީ ރައްޔިތުންގެ ހައްގުތަކަށް އަރައި ގަނެ، ރައްޔިތުންގެ މުދަލާއި ފައިސާ ވެސް ފޭރި ގަންނަމުން،" ކުރު ތަގުރީރުގައި ރަޖްނީކާންތު ބުންޏެވެ. "މި ދަނޑިވަޅުގައި އަހަރެން ކަހަލަ މީހުން ސިޔާސީ ދާއިރާ އަށް ނުނިކުތުމަކީ ރައްޔިތުންގެ މައްޗަށް ވެވޭ އިހުމާލެއް ވެސް މެ. މިއީ އެއްގޮތަކަށް ވެސް ފިލްމީ ވާހަކައެއް ނޫން. މިއީ ހަގީގަތާ ކުރިމަތިލުން."
އޭނާ ބުނީ ސިޔާސީ މައިދާނަށް ނިކުންނަނީ މިކަންކަން ބަދަލު ކުރަން ކަމަށާއި ރައްޔިތުންގެ އަޑު އަހައި އެ މީހުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
ރަޖްނީކާންތު ބުނީ އޭނާގެ ސިޔާސީ ޕާޓީ ވަރަށް އަވަހަށް ވުޖޫދަށް އަންނާނެ ކަމަށާއި ކުރިއަށް އޮތް ޓެމިލްނާޑޫ އެސެމްބްލީ އިލެކްޝަންގައި ޕާޓީން ވާދަ ކުރާނެ ކަމަށެވެ.
އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރަޖްނީކާންތު ދެން އެންމެ އަވަހަށް ފިލްމަކުން ފެންނާނީ އަންނަ އަހަރުގެ އެޕްރީލްގައި ރިލީޒް ކުރާ "2.0" އިންނެވެ.