Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ، މަރަދޫފޭދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑު މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެންނެވެ.

މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލު މަގުގެ ދެފަރާތުގައި ހެދިފައި އޮތް ފެންގަނޑަށް ނޭރި ދާން އުޅެނިކޮށް ޖެހިގެން ކަމަށެވެ.

"ފުދޭ ވަރަކަށް ބާރަށް އައީ ދެ ސައިކަލް ވެސް. މަގުގެ ދެ ފަރާތުގައި ފެން ހެދިފައި އޮތުމުން މަގުގެ މެދުން ދާން އުޅެނިކޮށް އަޅައިގަތީ." އޭނާ ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް ސިއްހީ މަރުކަޒުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ސިއްހީ މަރުކަޒުން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދޭ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

މިދިޔަ ހަފުތާގައި އައްޑޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވާ އިރު، އެ ހާދިސާގައި އަނިޔާވި ޒުވާނަކަށް މާލޭގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.