މި މަހުގެ 26 ވަނަ ދުވަހު އައްޑޫ ލިންކް ރޯޑްގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން، ޕިކަޕް ދުއްވަން އިން މީހާ މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ކޯޓް އަމުރެއްގެ ދަށުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި ވެހިކަލް އޮތީ މިހާރު ޓޯކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް 33 އަހަރުގެ މީހާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވެހިކަލްގެ ޑްރައިވަރު ހައްޔަރުކޮށްފައި މި ވަނީ ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެ ފާޑު ކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.
ގދ. ވާދު އަށް ނިސްބަތްވާ އަރްޝަން އިބްރާހީމް، 14، އިން ސައިކަލް އެކްސިޑެންޓްވި ޕިކަޕަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ވެހިކަލެކެވެ. މި ހާދިސާ ހިނގި އިރު ސައިކަލް ދުއްވަން އިނީ މަރަދޫ ހިނރުދުގަސްދޮށުގޭ، އަނަސް ހުސެއިން، 21، އެވެ.
ހެނދުނު ހިނގި މި ހާދިސާގައި އަރްޝަން މަރުވީ އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދޭން މާލެ ފޮނުވަން މަސައްކަތް ކުރި ނަމަވެސް ފްލައިޓް ޖާގައެއް ނުލިބިގެން އުޅެނިކޮށް، އެކްސިޑެންޓްވި ދުވަހުގެ މެންދުރު ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.
އަނަސް އަށް ލިބުނު އަނިޔާތަކަށް މިހާރު ވެސް ފަރުވާ ދެމުން އަންނަ އިރު، އެކްސިޑެންޓްގައި އޭނާގެ ޅިނދުކަށިގަނޑުގެ ދެ ފަރާތުން ބިނދި، ދެފައި ވެސް ބިނދިފައި ކަމަށް ފަރުވާ ދެމުން އަންނަ އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެ އެވެ.