ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ސެކިއުރިޓީ ފެންވަރު ދަށް ވުމުގެ ސަބަބުން އެކަމާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހޮސްޕިޓަލުގެ މުވައްޒަފުން އެތަނުގެ ސެކިއުރިޓީ ފެންވަރާއި މެދު ކަންބޮޑުވުން ފާޅުކުރަން ފަށާފައި މިވަނީ ފަހަކަށް އައިސް ޑޮކްޓަރުންގެ ރޫމްތަކުންނާއި އެމަޖެންސީ ރޫމުން ބައެއް ތަކެތި ގެއްލޭ މައްސަލަ ވަރަށް ބޮޑު ވުމުންނެވެ.
'އައްޑޫލައިވް' އާ ވާހަކަ ދެއްކި ހޮސްޕިޓަލުގެ ސީނިއަރ ނަރުހަކު ބުނި ގޮތުގައި، އިމަޖެންސީ ރޫމުން ވަރަށް ގިނައިން ވައްކަން ކުރާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ގެއްލެނީ ބޭސް އެޅުމަށް ބޭނުންކުރާ އާލާތްތައް ކަމަށެވެ.
"އިމަޖެންސީ ރޫމަކީ އެތައް ފަރާތަކުން ވަދެވޭ ގޮތަށް ހުންނަ ތަނެއް. ކޮންޓްރޯލެއް ނޯވޭ. ގްރޫޕް ހަދާފައި ވަދެގަންނަނީ. މިއީ ހޮސްޕިޓަލެއްގައި ކަންތައް ވާން ޖެހޭ ގޮތެއް ނޫން. އެހެން ވަދެ އެއްޗެއް ނެގިޔަސް އެތަނުގައި ތިބޭ މީހުންނަކަށް ނޭނގޭނެ."
1984 ވަނަ އަހަރު ހުޅުވި ހިތަދޫ ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝިފްޓެއްގައި އާންމުގޮތެއްގައި 2 ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވެއެވެ. އެހެން ނަމަވެސް ހޮސްޕިޓަލުގައި ސެކިއުރިޓީ ކެމެރާތަތަކެއް ނެތެވެ. އެއީ ހޮސްޕިޓަލުގެ ތެރޭގައި އުޅޭ މީހުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް އޮތް ހުރަހެއް ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުން ގަބޫލުކުރެއެވެ.
ހޮސްޕިޓަލުގެ ސެކިއުރިޓީ އާއި ފުލުހުން ހަވާލުވާނެ ދުވަހެއް ނޭނގޭ
ހިތަދޫ ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުުން ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނާ ހަވާލުކުރާ ގޮތަށް ނިންމާފައިވާ ކަމަށް 2017 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ހާމަކުރިއެވެ.
އައްޑޫ ސިޓީ ކޮމާންޑަރ ސަބްއިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ އޭރު ވިދާޅުވެފައި ވަނީ ހޮސްޕިޓަލުގެ ސެކިޔުރިޓީއާއި ފުލުހުން ހަވާލުވުން މިހާރު ފައިނަލް ވެފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ހޮސްޕިޓަލުގެ ސެކިއުރިޓީ އާއި ފުލުހުން ހަވާލުވާން ނިންމިތާ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ ކަން ކުރެވޭ ތަނެއް ނުފެނެއެވެ. ހޮސްޕިޓަލުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުމަކަށް ނާދެއެވެ. ޑޮކްޓަރުންނާއި ނަރުހުން ވެސް މަސައްކަތް ކުރަން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެންނެވެ.
ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބިރުދެއްކުން ހުއްޓުވަން ޖެހޭ
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުން ބުނާ ގޮތުގައި، ބައެއް ފަހަރަށް ބަލިމީހުންގެ ފަރާތުން ޑޮކްޓަރަށް ބިރު ދެއްކުން ފަދަ ކަންތައް ހިނގުމަކީ އާއްމު ކަމެއް ކަމަށެވެ. އަދި އެކަންތައް ހުއްޓުވުމަކީ ހޮސްޕިޓަލުގައި މިވަގުތު ތިބި ސެކިއުރިޓީންނަށް ނުކުރެވޭ ކަމެއް ކަމަށް އެމީހުން ބުނެއެވެ.
"ހޮސްޕިޓަލުން ފުލުހުންނަށް ގުޅައިގެން ފުލުހުން އަންނަ އިރު ޑޮކްޓަރަށް ބިރުދެއްކި މީހާ ފިލާފާނެ. އިދާރީ މުވައްޒަފުން ބައެއް ފަހަރު އެބަޖެހޭ ސެކިއުރިޓީންނަށް ވާން ވެސް." ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ 10 އަހަރު ވެފައިވާ މުވައްޒަފަކު ބުންޏެވެ.
ހިތަދޫ ހޮސްޕިޓަލަކީ އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމްވެފައި ނެތްތަނަކަށް ވުމުން އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވާ ބަޔަކީ އެތަނުގެ ނަރުހުންނާއި ޑޮކްޓަރުންނެވެ. އެގޮތުން ޑޮކްޓަރުންނަށް ހަމަލާދިނުން ފަދަ ކަންތައް މީގެ ކުރިން ހިތަދޫ ހޮސްޕިޓަލުގައި ހިނގާފައި ވެއެވެ.
މިކަންތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ވެރިންގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކާއި އެއްގޮތަށް އަމަލުކުރަން ވެސް ޖެހެއެވެ. ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރެވޭނީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކުރެވިގެންނެވެ.