ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހައިކޯޓެއް ޤާއިމްކުރިތާ 34 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ހައި ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވެރިރަށް މާލޭގައެވެ. އެހެން ކަމުން ރާއްޖޭގެ އެންމެ ދެކުނުގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފް ކުރުމަށް ވެސް ދާން ޖެހިފައި އޮތީ މާލެ އަށެވެ.
ޖިއޮގްރަފީ ގޮތުން ރާއްޖެ އޮންނަ ގޮތާއި އަދި ވެރިރަށް މާލޭގެ ދިރިއުޅުމުގެ އަގުތައް ހުރި ގޮތުން ރަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފް ކުރުމަށްޓަކައި އުފުލަންޖެހޭ ތަކުލީފު ވަރަށް ބޮޑެވެ. އެކަމަށް ހައްލެއް ލިބިދާނެ ކަމުގެ އުއްމީދު އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބިގެން ދިޔައީ، 2014 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮފި ޤާއިމްކުރުމަށް ނިންމުމުންނެވެ.
އެހެން ނަމަވެސް އަތޮޅުތެރޭގެ ރައްޔިތުންނަށް އިސްތިއުނާފް ކުރުމުގެ ހައްގު އެކަށީގެންވާ ގޮތެއްގައި ލިބިދިނުމަށް ޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާޙުން ކުރި ފާއިދާއެއް ނެތެވެ. ހައިކޯޓުގެ ދެކުނު ގޮތްޕަށް މައްސަލަ ހުށަހެޅިޔަސް މައްސަލަ ބަލާނެ ފަނޑިޔާރުންނެއް ނެތެވެ.
ހައިކޯޓް ދެކުނު ގޮފީގެ ޓައިމްލައިން:
ފެބްރުއަރީ 2015: ހަސުޕްރީމް ކޯޓުގެ ސަރކިއުލަރ އަކުން ހައިކޯޓުގެ ދެކުނު ގޮފި އުފެއްދި. އެ ސަރކިއުލާގައި ބުނެފައިވާ ގޮތުން ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވަނީ، ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ. (ހުވަދުއަތޮޅު ދެކުނުބުރި)، ފުވައްމުލައް، އަދި އައްޑޫ.
21 ޖެނުއަރީ 2015: ހައި ކޯޓު ދެކުނު ގޮތްޕަށް ފަނޑިޔާރުން ކަނޑައެޅި. އޭރު އެކޯޓަށް އައްޔަންކުރި ފަނޑިޔާރުންނަކީ،ފަނޑިޔާރު އަލްއުސްތާޛް ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފް.
އޮކްޓޯބަރ 2015: ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން އައްޑޫއަށް ވަޑައިގަތުމުގެ ކުރިން، ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފް ރިޓަޔަރކުރެއްވި.
ޑިސެމްބަރ 2015: ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން އައްޑޫއަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ހައި ކޯޓު ދެކުނު ގޮފީގެ އިސްފަނޑިޔާރަކަށް އަލްއުސްތާޛް އަބްދުލް ޣަނީ ހަމަޖެއްސެވިއެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލާ އަކާއި އެއްގޮތަށް 16 ޑިސެމްބަރު 2015ގައި ހައި ކޯޓު ދެކުނު ގޮފީގެ ޝަރީޢަތްތައް ފެށިއެވެ.
މެއި 2016: ހައި ކޯޓުގެ މަސައްކަތްތައް ފަށައިގަނެ ގާތްގަނޑަކަށް 6 މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ (23 މެއި 2016) ހައިކޯޓުގެ ފަނޑިޔާރު ޝުޖާޢު އުޘްމާން އައްޔަން ކުރައްވާފައެވެ.
މާޗް 2017: ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރު ކަމުގެ މަގާމުގައި ޝުޖާއު އުޘްމާން ހުންނަވާތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް ކުއްލިގޮތަކަށް ފުލުހުންގެ ފުލް ސެކިއުރިޓީގައި ވަނީ މާލެ ގެންގޮސްފައެވެ. ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވީ އެބޭފުޅާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކެއް ލިބިވަޑައިގަތުމުން ކަމަށް ބުނެއެވެ.
އޯގަސްޓް 2017: ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސިއެވެ. (ސުޕްރީމް ކޯޓުން ކަނޑައެޅި 3 މަސް ދުވަހުގެ މުއްދަތު ހަމަވިޔަސް، އަދިވެސް އެ 3 ފަނޑިޔާރުން ތިއްބެވީ މާލޭގައި.)
ހައިކޯޓު ދެކުނު ގޮފީގައި އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން 10 މަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު އެ ގޮތްޕަށް ހުށަހެޅި މައްސަލަތަކުގެ އަޑުއެހުމެއް ނުބާއްވައެވެ.
"އިސްތިއުނާފު ކުރި މައްސަލަތައް މާލޭ ހައިކޯޓުގައި ކުރިއަށް ނުދޭ"
ސުޕްރީމް ކޯޓުން ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ބަދަލުކުރުމަށް ނެރުނު އަމުރުގައި އެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވަން ޖެހޭނީ އެ ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ބަދަލުކުރި ދުވަހުން ފެށިގެން މިހާތަނަށް އެކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް ކުރިއަށް ނުދެއެވެ. އެގޮތުން އިސްތިއުނާފު ކުރިތާ 7 މަސް ދުވަސްވެފައިވާ ބައެއް މައްސަލަ ހައިކޯޓު ދެކުނު ގޮފީގައި ހުރިކަމަށް ވެއެވެ.
" މައްސަލައެއް އިސްތިއުނާފު ކުރިތާ 7 މަހަށް ވުރެ ގިނަ ދުވަސްވެއްޖެ. އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާ މައްސަލައަށް ވީނުވީއެއް ވެސް ނޭނގޭ. " ޤާނޫނީ ވަކީލަކު ބުންޏެވެ.
ދިވެހިރާއްޖޭގެ އާބާދީގެ 15 އިންސައްތަ މީހުން ދެކުނުގެ 3 އަތޮޅުގައި ދިރިއުޅެމުންދާއިރު އެމީހުންނަށް އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭނެ ގޮތެއް ނެތެވެ. އަދި އެ ހައްގު އަވަސް މުސްތަޤްބަލެއްގައި ލިބިދާނެތޯ އެއީ ޖަވާބު ނުލިބޭ ސުވާލެކެވެ.