ވެރިރަށް މާލެ އަށް ވުރެ ތިނ ގުނަ އަގު ބޮޑުކޮށް އައްޑޫގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށް ދޭ ފެނުގެ ހިދުމަތުގެ އަގު ހެޔޮކުރަން ނިންމައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ފެނުގެ އަގުހެޔޮ ކުރުމަށް ފެނަކަ ހެޑް އޮފީހުން ނިންމައި އެކަން އައްޑޫގައި ހުންނަ ފެނަކައިގެ ރީޖަނަލް އޮފީހަށް ވަނީ އަންގައިފަ އެވެ.
ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެންގުމާ އެއްގޮތަށް މި މަހުގެ ތެރޭގައި ޗާޖު ކުރަން ފަށާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭބިސީތަކުން ފެނުގެ ޚިދުމަތުން ޗާޖްކުރާ މިންވަރު ދަށް ކުރަން ވަނީ ނިންމާފައެވެ. އެގޮތުން ދުވާލަކަށް 1 އިން 100 ލީޓަރާއި ހަމައަށް ފެން ބޭނުންކުރާ ގޭ ބިސީތަކުން ކުރިން ކޮޑިމީޓަރަކަށް 75 ރުފިޔާ ޗާޖް ކުރި ނަމަވެސް ދެން ނަގާނީ 22 ރުފިޔާ އެވެ.
އަދި ދުވާލަކަށް 101-200 ލީޓަރާއި ހަމައަށް ފެން ބޭނުންކުރާނަމަ ކޮޑިމީޓަރަކަށް ނަގާނީ 70ރ. އެވެ. މިއީ ކުރިއަށް ވުރެ 30ރ. ކުޑަ އަގެކެވެ. މީގެ އިތުރުން ކުރިން 201 ލީޓަރަށް ވުރެ ގިނައިން ފެން ބޭނުން ކުރާ ގޭބިސީތަކުން ކޮޑިމީޓަރަކަށް ޗާޖް ކުރި 100ރ. ގެ ބަދަލުގައި ދެން ޗާޖް ކުރާނީ 95ރ. އެވެ.
ގޭބިސީތަކަށް ދެމުން ގެންދާ ފެނުގެ ޚިދުމަތުން އަގުހެޔޮ ކުރުމަށް ނިންމި ނަމަވެސް ވިޔަފާރިތަކާއި ސަރުކާރުގެ ތަންތަނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ އަގު ފެނަކައިން ވަނީ ބޮޑުކުރުމަށް ނިންމައިފަ އެވެ.
އެގޮތުން މީގެ ކުރިން ދުވާލަކަށް 101-200 ލީޓަރާ ހަމައަށް ފެން ބޭނުން ކުރާ ނަމަ ކޮޑިމީޓަރަކަށް 100ރ. ޗާޖް ކުރި ނަމަވެސް އަލަށް ގެންނަ ބަދަލާ އެކު އެ އަގު 125ރ. ނަގާނެއެވެ. އަދި 201 ލީޓަރަށް ވުރެ ގިނައިން ފެން ބޭނުން ކުރާ ނަމަ 135ރ. ނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ކުރީގެ އަގަށް ވުރެ 35ރ. އިތުރު އަދަދެކެވެ.
ސެޕްޓެމްބަރު، 24، 2017 އިން ފެށިގެން ފެނަކައިން އައްޑޫގެ ގެތަކަށް ދެމުން ގެންދިޔަ ފެނުގެ ޚިދުމަތަށް ބިލް ކުރަން ފެށި އިރު ފެން ޓަނަކަށް ޗާޖްކޮށްފައި ވަނީ 65ރ. އެވެ.
މިއީ ވެރިރަށް މާލޭގައި ފެން ޓަނަކަށް ޗާޖް ކުރާ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. މާލޭގައި ފެނުގެ ޚިދުމަތް ދޭ އެމްޑަބްލިއުއެސްސީ އިން ފެން ޓަނަކަށް ޗާޖް ކުރަނީ 22ރ. އެވެ.
އަދި އޭގެ ފަހުން ފެނަކައިން ބައެއް ގޭ ބިސީތަކަށް ބިލް ފޮނުވި އިރު އިތުރަށް ޗާޖުކޮށްފައިވާ މައްސަލަ ވެސް ފެންމަތިވެފައިވެ އެވެ. އެގޮތުން ހިތަދޫގައި ހަތަރު މީހުން ދިރިއުޅޭ ގެއަކަށް 23،000ރ. އަށް ވުރެ ބޮޑު ފެން ބިލެއް ފޮނުވާފައިވެ އެވެ.