ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ޚަޒާނާއިން ވައްކަން ކުރަމުންދާ ވެރިކަމެއް ދެމި ނޯންނާނެ ކަމަށް ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައި ވަނީ، ނަފްސު ކަތިލިޔަސް ރައީސް ޔާމީން އިންތިހާބުގައި ބަލިވިޔަ ނުދޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ސައުދު ވިދާޅުވީ އިންތިހާބުގައި ބަލިވުމާއި މޮޅުވުން އެއީ ނިހާނުގެ ބާރުގައި ވާ ކަމެއް ނޫން ކަމަށެވެ. އަދި އަމާނާތްތެރިކަމެއް ނެތި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ ޚަޒާނާއިން ވައްކަން ކުރަމުންދާ ވެރިކަމެއް ދެމި ނޯންނާނެ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
"އަދުލު އިންސާފު، ހަމަހަމަކަމާއި އަދި އަމާނާތްތެރިކަމެއް ނެތި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ ޚަޒާނާއިން ފަޅުގައި ވައްކަން ކުރަމުންދާ ވެރިކަމެއް ދެމި ނޯންނާނެ. އިންޝާﷲ"- މެންބަރު ސައުދު-
Inthikhābuga YAG balivumai molhuvun aee MP @ahmed_nihan ge bāruga vā kameh nun. Heyo verikamai, Adhulu insaaf, hama hama kamai, adhi amānaitheri kameh nethi rayyithunge machah Aniyāverive khazaanā in fālhuga vakkan kuramundhā verikameh dhemi noannāne. In Sha Allah#PeoplePower https://t.co/I9on4redxV
— Saud Hussain MP (@SaudVillingili) January 9, 2018
ކުރިން ޕީޕީޢެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން އެބޭފުޅާ ވަނީ ޕީޕީއެމުން ވަކިކޮށްފައެވެ. އެއާއި އެކު ސައުދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި އެ ދާއިރާގެ ބައި އިލެކްޝަން ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ބައި އިލެކްޝަންސް ބޭއްވިފައެއް ނުވެއެވެ.
އިލެކްޝަންސް އިން ސައުދުގެ ގޮނޑި "ގެއްލިފައިވާ" ކަމަށް ކަނޑައަޅާފައި ވަނިކޮށް ފާއިތުވި ޖުލައި މަހުގެ 24 ގައި މަޖިލީހަށް ވެންނެވި މައްސަލާގައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ސައުދުގެ މައްޗަށް ވަނީ އުފުލާފައެވެ.
މީގެ އިތުރުން ސައުދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.