މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ރައީސް މުހައްމަދު ނަޝީދު ލަފާފުޅެއް އަރުވައިފި އެވެ.
ޓެލެގްރާމް މެދުވެރިކުރައްވައި ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލީހަށް ތަފާތު 4 ލަފާފުޅެއް ދެއްވާފައި ވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ލަފާފުޅެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނާއި ތިން އަހަރަށް ޖަލަށް ލާފައިވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަ ކުރެވޭ ނަމަ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރަނިން މޭޓަކީ ގާސިމް އިބްރާހިމް ކަމަށެވެ.
ދެވަނަ އަށް ނަޝީދު ދެއްވާފައިވާ ލަފާފުޅަކީ އެމަނިކުފާނަށް ކުރިމަތިލެވިފައި ގާސިމް އިބްރާހިމްއަށް ކުރިމަތި ނުލެވޭ ނަމަ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ނުކުމެވަޑައިގަތުމަށާއި ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު އައްޔަން ކުރުމަށެވެ.
ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ އިދިކޮޅުގެ ކެންޑިޑޭޓަކަށް ގާސިމް އިބްރާހިމް ހަމަޖެއްސުމަށާއި ރަނިންމޭޓަކަށް އެމްޑިޕީން ބޭފުޅަކު ހަމަޖެއްސުމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނަޝީދު އާއި ގާސިމަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭ ނަމަ އިދިކޮޅު ކެންޑިޑޭޓަކަށް އެމްޑީޕީން ބޭފުޅަކު ނެރެ، އަދި ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ނެރޭ ގޮތަށް ހަމަޖެއްސުމަށް ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން ނަޝީދު އާއި ޤާސިމަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަނީ ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ނަޝީދާއި ގާސިމްގެ ކިބައިގައި ވެސް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު މިހާރު ހަމައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވި ހުކުމް 12 މަސްދުވަހަށް ވުރެ ދިގު ދިގެވެ.
އަދި ރިޝްވަތުގެ މައްސަލައެއްގައި ގާސިމްގެ މައްޗަށް ވެސް ވަނީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގާނޫނުއަސާސީގައި ބުނާ އިތުރު ޝަރުތެއް ގާސިމްގެ ކިބައިން އުނިވެ އެވެ. އެއީ ޤާސިމްގެ އުމުރުފުޅު 65 އަހަރަށް ވުރެ މަތިވުމެވެ.