ގުޅިފައިވާ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނާއި ހިއްސާކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހުށަހެޅުއްވުމެއް ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ވާދަކުރާނެ ކެންޑިޑޭޓަކުން ހަމަޖެއްސުމަށްޓަކައި ރަސްމީ ސިފައެއްގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓިގެ އިތުރުން ކުރީގެ ރައީސް މައުމޫނުގެ މަންދޫބުންނާއެކު ކުރިޔަށްގެންދާ ރަސްމީ މަޝްވަރާތަކުގެ ބޭރުން ޤާސިމްގެ މިކަންކަން ހުށަހަޅުއްވާފައި ވަނީ ސީދާ ރައީސް ނަޝީދަށެވެ.
ޤާސިމްގެ ހުށަހެޅުން ޤައުމީ މަޖިލީހާއި ހިއްސާކޮށްފައި ވަނީ އެކަމާއި ބެހޭގޮތުން ޤައުމީ މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމަށެވެ.
ނަޝީދު ޤައުމީ މަޖިލީހާއި ހިއްސާކުރެއްވި 'އޮޕްޝަންތައް':
1. ނަޝީދާއި ޤާސިމް އިބްރާހީމަށް އިންތިޚާބުގައި ވާދަކުރެވޭ ޙާލަތެއްގައި ކެންޑިޑޭޓަކީ ނަޝީދު ކަމަށާއި ރަނިން މޭޓަކީ ގާސިމް އިބްރާހިމް.
2. ނަޝީދަށް ވާދަކުރެވިފައި ޤާސިމް އިބްރާހީމަށް ވާދަނުކުރެވޭ ޙާލަތެއްގައި ކެންޑިޑޭޓަކީ ނަޝީދު، ރަނިން މޭޓަކީ ގާސިމް އިބްރާހިމް ބޭނުންފުޅުވާ ނުވަތަ ޖޭޕީން ބޭނުންވާ ފަރާތެއް.
3.ޤާސިމް އިބްރާހީމަށް ވާދަކުރެވިފައި ނަޝީދަށް ވާދަނުކުރެވޭ ޙާލަތެއްނަމަ ކެންޑީޑޭސީ ޤާސިމް އިބްރާހީމަށް ދިނުމާއެކު ރަނިންމޭޓެއް އެމްޑީޕީން ނެރުން.
4. ނަޝީދާއި ޤާސިމަށް ވާދަނުކުރެވޭ ޙާލަތުގައި އެމްޑީޕީގެ ކެންޑިޑޭޓަކާއެކު ޖޭޕީގެ ރަނިންމޭޓެއް ނެރުން.
އެމްޑީޕީގެ ޤައުމީ މަޖިލީހާއި ނަޝީދު ހިއްސާކުރެއްވި "އޮޕްޝަން" ތަކަށް ބަލާއިރު ރިޔާސީ އިންތިޚާބުގައި ނަޝީދާއި ޤާސިމަށް ވެސް ވާދަކުރުމަށް ޤާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި ޤާސިމް އެދިވަޑައިގަންނަވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއެކު ޖޭޕީގެ ރަނިންމޭޓެއް ނެރެން ހަމަޖެއްސުމެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވީ، އެމްޑީޕީ އާއި ޖޭޕީން ގުޅިގެން އިންތިހާބުގައި ވާދަކުރުމާއި މެދު މީގެ ކުރިން ވެސް ޤައުމީ މަޖިލީހުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއީ ޕާޓީތަކުގެ މެދުގައި އެއްކެންޑިޑޭޓަކު ނެރުމަށް ކުރެވޭ މަޝްވަރާތަކުގެ ބޭރުން ހިނގާ ކަމެއް ކަމަށެވެ.
"ރިޔާސީ އިންތިޚާބުގެ ކުރިން ނަޝީދާއި ޤާސިމަށް ވާދަކުރެވޭނެ ގޮތް ވުމަށް ވަރަށް ގިނަ ހުރަސްތަކެއް އެބަހުރި. އެހެންވެ ގިނަ މެންބަރުން ވެސް ގަބޫލުކުރާ ގޮތުގައި ކުރިޔަށްދެވެން އޮތްގޮތަކީ އެންމެ ފަހު ހުށަހެޅުން. އެކަމަކު އަދި ގޮތެއް ނުނިންމާ. އެއީ ހަމައެކަނި ހުށަހެޅުމެއް."، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓަކާއި އެކު ރިޔާސީ އިންތިހާބަށް ޖޭޕީން ނެރޭނެ ރަނިން މޭޓަކަށް ވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ޖޭޕީގެ ނާއިބް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި ކުރީގެ ނާއިބް ރައީސް ޖަމީލު ނުވަތަ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.
އެހެން ނަމަވެސް މިހުރިހާ ބެފުޅުންނަކީ ވެސް އެމްޑީޕީގެ އާންމު މެންބަރުން ދެކޭގޮތުގައި އެ ޕާޓީގެ ވެރިކަން "ބަޣާވާތަކުން ބަދަލުކޮށްލި" ބޭފުޅުންނެވެ. އެހެންކަމުން ޖޭޕީގެ ފަރާތުން ރަނިން މޭޓަކަށް ހުށަހަޅާ ނަމަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރުހުން ހޯދުން ވެސް ފަސޭހަ ވާނެ ކަމަކަށް ނުބެލެވެއެވެ.
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތުގެ ހުށަހެޅުމެއް ޤާސިމް އިބްރާހިމްގެ ފަރާތްޕުޅުން ނަޝީދާއި ހިއްސާކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
އެ މަޝްވަރާތަކުގައި ބައިވެރިވާ ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޔާސީ އިންތިޚާބަށް އަމިއްލަ ކެންޑިޑޭޓެއް ނެރުމުގެ މާބޮޑު ޝައުގުވެރިކަމެއް މިހާތަނަށް ފާޅުކޮށްފައެއް ނުވެއެވެ. އަދާލަތު ޕާޓީން ވެސް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތަކެއް ދެއްކި ނަމަވެސް، އެޕާޓީން މިހާރު އެވާހަކައެއް ނުދައްކައެވެ.