ޑެންގޫ އަށް ހޭލުންތެރި ކުރުމާ ބެހޭ ވޯކްޝޮޕެއް އައްޑޫގައި މިއަދު ފަށައިފި އެވެ.
އައްޑޫ ޕަބްލިކް ހެލްތު ޔުނިޓުން ކުރިއަށް ގެންދާ މި ޑެންޑޫ ވޯކްޝޮޕް ކުރިއަށް ދަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ. ވޯކްޝޮޕް ކުރިއަށް ދާނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ.
އައްޑޫ ޕަބްލިކް ހެލްތު ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި އިހުތިޝާމް ނަޖީބް (ފޮޓޯގައި) ވިދާޅުވީ ޑެންގޫ ބައްޔަށް ހޭލުންތެރިކަން މިހާރަށް ވުރެ ބޮޑަށް އުފެއްދުމަށް ކުރިއަށް ގެންދާ ވޯކްޝޮޕްގައި 25 މީހަކު ބައިވެރިވާ ކަމަށެވެ. އަދި މީގައި މައުލޫމާތު ދެއްވަނީ ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރު އޮފިޝަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހުތިޝާމް ވިދާޅުވީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝޮޕް ނިމޭ އިރު ޑިންގޫ މަދިރި ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކާއި ޑެންގޫ ބަލިން ރައްކާތެރި ވުމަށް އެޅި ދާނެ މުހިއްމު ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް ބައިވެރިންނަށް މައުލޫމާތު ލިބިގެން ދާނެ ކަމަށެވެ.