ބައެއް ކަހަލަ ވަޒީފާ އަދާ ކުރާ މީހުންނަކީ ވަޒީފާގެ ގޮތުން ވަރަށް ގިނައިން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރަން ޖެހޭ ބައެކެވެ. ހާއްސަކޮށް ދިގު ދަތުރުތައް ކުރުމަކީ ވަރުބަލިކަމާއި ފޫހިކަން ވެސް ގެނެސްދީ، ބައެއް ކަހަލަ ސިއްހީ މައްސަލަތައް ވެސް ކުރިމަތި ކުރުވާ ކަމެކެވެ.
ދިރާސާއެއްގައި ބުނަނީ މާ ގިނައިން ދަތުރު ކުރަން ޖެހުމަކީ ޑިޕްރެޝަންގެ އިތުރަށް ސިއްހީ ބައެއް ކަހަލަ މައްސަލަ ކުރިމަތިކޮށްފާނެ ކަމެއް ކަމަށެވެ. އެގޮތުން ދަތުރު ކުރަން ޖެހުމުގެ ސަބަބުން މާހައުމަށް އަންނަ ބަދަލުތަކާ އެކު މީހާގެ އާންމު ދިރިއުޅުމުގެ ބައެއް ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ދިރާސާގައި ބުންޏެވެ.
އޭގެ ތެރޭގައި ހާސްވުމާއި ނިދަން އުނދަގޫވުން ފަދަ މައްސަލަތައް ހިމެނެ އެވެ.
މި ކަހަލަ ބައެއް ބަދަލުތަކާ މީހާގެ މޫޑަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ހެދި ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ކޮލަމްބިއާ ޔުނިވަސިޓީން ހެދި ދިރާސާގައި ބުންޏެވެ.
"ވަޒީފާގެ ގޮތުން ދަތުރުތައް ކުރަން ޖެހުމަކީ އޭގެ ސަބަބުން މާއްދީ ގޮތުން ފައިދާވާ ކަމަކަށް ވިޔަސް، އެކަމަކީ މީހާގެ ސިއްހަތު ހަރާބުކޮށްލާނެ ކަމެއް. އެހެންވެ އެހާ އަވަސް އަވަހަށް އެހާ ގިނައިން ދަތުރުތައް ކުރުމަކި އެހާ ރައްކާތެރި ކަމެއް ނޫން،" ދިރާސާ ހެދުމުގައި ބައިވެރިވި އެސޯސިއޭޓް ޕްރޮފެސަރު އެންޑްރޫ ރަންޑްލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކަހަލަ މައްސަލަތަކާ ހެދި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާ ކުރާ މީހުން ވެސް އާންމުކޮށް ދަތުރު ކުރަން ޖެހޭ ނަމަ، ސިއްހީ ގޮތުން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ދަތުރުތަލަށް ނިކުތުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ފަދައިންނެވެ.