ދެކުނުގެ 3 އަތޮޅުގެ ރައްޔިތުންނަށް އިސްތިއުނާފު ކުރުމުގެ ހައްގު ނުލިބޭ މައްސަލައިގައި ޤާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
2014 ވަނަ ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ދެކުނުގެ 3 އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަން ޖެހެނީ ސ.މީދޫގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮތްޕަށެވެ.ހައި ކޯޓުގެ ދެކުނު ގޮތްޕަށް ނިސްބަތްވަނީ، ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ. (ހުވަދުއަތޮޅު ދެކުނުބުރި)، ފުވައްމުލައް، އަދި އައްޑޫއެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލަރ އަކުން ހައިކޯޓުގެ ދެކުނު ގޮފި އުފައްދާފައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ހައިކޯޓު ދެކުނު ގޮފި އުފެއްދިތާ 2 އަހަރުވާން ކައިރިވެފައި ވާއިރު، އެ ކޯޓުގެ މަސައްކަތް ކުރިއަށް ނުދިއުމަކީ ދެކުނުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ހައި ކޯޓު ދެކުނު ގޮފިން އެންމެ ފަހުން ހުކުމެއް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ހުކުމެއްގެ އިސްތިއުނާފް މައްސަލައެކެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް ޤާނޫނީ ވަކީލުން ބުނާ ގޮތުގައި އިސްތިއުނާފު ކުރާ މައްސަލަތައް ކުރިއަށް ނުދާ ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ވަކީލުން ފާހަގަކުރައްވައެވެ.
" ރާއްޖޭގެ އާބާދީގެ %15 އަށް ވުރެ ގިނަ ރައްޔިތުން މިތިބީ އިސްތިއުނާފް ކުރުމުގެ ހައްގުން މަހްރޫމްވެފައި. މިއީ ވަރަށް ބޮޑު ބޭއިންސާފެއް، އަދި އަނިޔާއެއް."، އައްޑޫގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލަކު ވިދާޅުވިއެވެ.
އައްޑޫގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުން "ފުލުފުލުގައި ބަންދުގެ މުއްދަތު އިތުރުކޮށް މީހާ ހަނާ ވާއިރު ވެސް" ހައިކޯޓު ދެކުނު ގޮފީގައި އިސްތިއުނާފްކޮށްގެން މައްސަލަ ކުރިއަށް ނުދިއުމަކީ، ހަގީގަތުގައި ވެސް މައްސަލައެކެވެ. މި ކަންބޮޑުވުންތައް ހުރީ ހަމައެކަނި ދިފާއީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅުންގެ މެދުގައެއް ނޫނެވެ.
ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރާ ވަކީލުންނާއި ފުލުހުންގެ ތެރޭގައި ވެސް އެކަންބޮޑުވުންތައް އެބަހުއްޓެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޕީޖީ އޮފީހުގެ އައްޑޫ ގޮފީގެ ޕަބްލިކް ޕްރޮސިކިއުޓަރަކު ވިދާޅުވީ މެޖިސްޓްރޭޓް ކޯޓަކުން ނިންމާ ނިންމުން އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ބަލަން ޖެހިފައިވާ ކަމަށެވެ.
"ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވެންޏާ ކޯޓުގެ ބާރު އާދަޔާ ޚިލާފަށް ގަދަ މިވަނީ. ދެކުނުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުން އެއީ ފަހުގެ ނިންމުން ކަމަށް ބަލަން ޖެހިފައި މިވަނީ. އިސްތިއުނާފު ކުރެވޭނެ ގޮތެއް ނެތް. އެއީ އަދުލު އިންސާފު ޤާއިމްކުރުމަށް އޮތް ހުރަހެއް." ޕީޖީ އޮފީހުގެ އައްޑޫ ގޮފީގައި މަސައްކަތް ކުރައްވާ ޕަބްލިކް ޕްރޮސިކިއުޓަރަކު ވިދާޅުވިއެވެ.
ހައިކޯޓު ދެކުނު ގޮފީގައި އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން 10 މަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު އެ ގޮތްޕަށް ހުށަހެޅި މައްސަލަތަކުގެ އަޑުއެހުމެއް ނުބާއްވައެވެ.
އެ ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް އައީ ކޯޓުގެ ފަނޑިޔާރެއް ކަމުގައިވާ ޝުޖާއު އުޘްމާން ކުއްލިގޮތަކަށް މާލެ ވަޑައިގަތުމުންނެވެ. ފުލުހުންގެ ފުލް ސެކިއުރިޓީގައި ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވީ އެބޭފުޅާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކެއް ލިބިވަޑައިގަތުމުންނެވެ. ޝުޖާއު އުޘްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.
ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވިތާ 5 މަސް ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ 3 މަސް ދުވަހަށް ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ބަދަލުކުރުމަށް އަމުރެއް ނެރެފައެވެ. އަމުރުގައި އެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވަން ޖެހޭނީ އެ ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ބަދަލުކުރި ދުވަހުން ފެށިގެން މިހާތަނަށް އެކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް ކުރިއަށް ނުދެއެވެ. އެގޮތުން އިސްތިއުނާފު ކުރިތާ 7 މަސް ދުވަސްވެފައިވާ ބައެއް މައްސަލަ ހައިކޯޓު ދެކުނު ގޮފީގައި ހުރިކަމަށް ވެއެވެ.