ދުވަހަކު ވެސް ސިނގިރެޓް ނުބޯން ނިންމައިގެން ހުރި ނަމަ އެ ގޮތުގައި ސާބިތުވެ ހުންނާށެވެ. އެއީ އެންމެ ފަހަރަކު ވެސް ތަޖުރިބާކޮށްލަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ރައްޓެހިން ބުނެގެން ވެސް ސިނގިރެޓަކާ ގާތް ނުވާށެވެ. އެއީ ކުރަން އެއްގޮތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ.
ދިރާސާއެއްގައި މިހާރު ބުނަނީ ބޯލާ އެންމެ ސިނގިރެޓަކުން ވެސް އެއަށް ދެވިހިފައިފާނެ ކަމަށެވެ. އެހެންވެ ތަޖުރިބާކޮށްލުމުގެ ގޮތުން ވެސް ސިނގިރެޓާ ގާތްވުމަކީ ހެދޭނެ ބޮޑު ގޯހެކެވެ.
އިނގިރޭސިވިލާތުގެ ކްއީން މޭރީ ޔުނިވަސިޓީން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ކޮންމެ ފަސް މީހަކުން ތިން މީހަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ތަޖުރިބާ ކުރާ މީހެކެވެ. ނަޖީތާއަކީ އަހަރެއްގެ މައްޗަށް އެތައް ބަޔަކު، އެ ވަބާގެ ތެރެއަށް ހުށަހެޅިގެން ދިއުމެވެ.
"ކަމަކަށް ދެވި ހިފުމަކީ އަޅާލެވޭ އެންމެ ފިޔަވަޅަކުން ވެސް ވެދާނެ ކަމެއް. ދުންފަތުގެ އިސްތިއުމާލު ކުރަން ދެވި ހިފުމަކީ ބޯލެވޭ އެންމެ ސިނގިރެޓަކުން ވެސް ތިމާގެ ދިރިއުޅުން ހަލާކުކޮށްލާނެ ކަމެއް،" ދިރާސާގައި އިސްކޮށް ބައިވެރިވި ޕްރޮފެސަރު ޕީޓާ ހެޖެކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިރާސާގައި އެއް ކުރި މައުލޫމާތުތަކުން ހާމަވި ގޮތުގައި އެންމެ ސިނގިރެޓެއް ބޯލައިގެން އެއަށް ދެވި ހިފި މީހުންގެ ނިސްބަތް ހައިރާންވާހާ ބޮޑެވެ.
"މިއިން ދައްކައި ދެނީ އެއީ ގާތްވުން ހެޔޮވާ ވަރުގެ އެއްޗެއް ނޫންކަން." ޕީޓާ ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރަން ދެވި ހިފުމަކީ އެކަމާ ދުރުވާން ވެސް ވަރަށް އުނދަގޫ ކަމެކެވެ. އަދި ގިނަ މަރުހަލާތަކެއް ކަނޑައްތުކޮށްގެން ނޫނީ ކާމިޔާބު ވެސް ނުކުރެވޭނެ ކަމެކެވެ.
އެހެންވެ އަމިއްލަ ބުރަ މަސައްކަތުން ހޯދާ ފައިސާ އަންދާލައި، ސިއްހަތު ނުރައްކަލަށް ހުށަހެޅުމަކީ މޮޔައިން ކުރާ ކަހަލަ ކަންތައްތަކެވެ.