އިންޑިއާގެ ކުރީގެ އަންހެން ބޮޑުވަޒީރު އިންދިރާދީ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ވަރަށް ގިނަ ބަޔަކު މީގެ ކުރިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ބެލެވޭ ގޮތުން ދެން މާ ލަސްތަކެއް ނުވެ، އިންދިރާގެ ބައޮޕިކް ބޮޑު ސްކްރީނަށް އައިިސް ފާނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދިޔާ ބަލަން ވަނީ ލިޔުންތެރިޔާ/ނޫސްވެރިޔާ ސަގަރިކާ ގޯސް ލިޔުނު ފޮތް "އިންދިރާ: އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓާ" ގެ ރައިޓްސް ގަނެފަ އެވެ. އެކަން ސަގަރިކާ ކުރި ޓްވީޓެއްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ.
Just signed the contract for movie rights for my book "Indira, India's Most Powerful PM" with @vidya_balan and @roykapurfilms! Utterly elated!! Look fwd to seeing INDIRA on screen! @juggernautbooks #IndiraTheMovie
— Sagarika Ghose (@sagarikaghose) January 10, 2018
އަދި ވިދިޔާ ވެސް ވަނީ "އިންދިރާ" ގެ ރައިޓްސް ގަނެފައިވާކަން ކަށަވަރުކޮށް ދީފަ އެވެ. ދާދި ފަހުން ރިލީޒް ކުރި "ތުމާސީ ސުލޫ" ގެ ބަތަލާ ބުނީ އިންދިރާގެ ރޯލް ކުޅުމަކީ އަބަދު ވެސް ހުވަފެނެއް ކަމަށެވެ.
"އެކަމަކު މި ފޮތަށް ބިނާކޮށްގެން އަހަރެން ހަދާނީ ފީޗާ ފިލްމެއް ނުވަތަ ވެބް ސީރީޒެއް ކަމެއް އަދި ބުނާކަށް ނޭނގޭ،" ވިދިޔާ ނެރުނު ބަޔާނެއްގައި ބުންޏެވެ. "އެހެންވީމާ އަދި މިކަމަށް ވަގުތު ވެސް ނަގާނެ."
"އިންދިރާ: އިންޑިއާސް މޯސްޓް ޕަވަފުލް ޕްރައިމް މިނިސްޓާ" އަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު ފޮތެކެވެ.