އައްޑޫގެ ފުޓްބޯޅައިގެ ތާރީޚުގައި ހިތަދޫ އަށް ނިސްބަތްވާ އެންމެ ކާމިޔާބު ޓީމަކީ ކްލަބް ނެކްސަސް އެވެ. ނަވާރަސަތޭކަ އަށްޑިހައިގެ ފަހުކޮޅު އެ ޓީމުން އެތައް ގޮންޖެހުންތަކެއް ގިރާ ކުރުމަށް ފަހު މާލެ އަށް ގޮސް ގަލޮޅު ދަނޑުގައި އެ ޓީމު ވާދަކޮށް ކާމިޔާބީތައް ހޯދި އެވެ.
އަދި 1988 ގެ ޒޯން ޗެމްޕިއަންސް މުބާރާތުގެ ރަނަރަޕްކަން އެ ޓީމުން ހޯދިއެވެ. އެހެން ނަމަވެސް އެ ފަހަރު އޭރުގެ ސްޕޯޓްސް ޑިވިޝަނުން އެ ޓީމަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމުން އެ ޓީމަށް މަޖުބޫރުވީ މުބާރާތުން ވަކިވާށެވެ.
އެކަމަކު 1989 ގެ ފަހުން ނެކްސަސް ކްލަބުގެ ނަން ފަނޑުވެގެން ދިޔަ ނަމަވެސް އޭގެ 29 އަހަރު ފަހުން އަނެއްކާ ވެސް ހިތަދޫން މިވަނީ ނެކްސަސްގެ ނަމުގައި ޓީމެއް އެކުލަވާލައިފަ އެވެ.
ހިތަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ނެކްސަސްގެ ނަމުގައި ޓީމެއް އެކުލަވާލި ނަމަވެސް މާލީ ގޮތުން އެހީތެރިކަމެއް ލިބުންވީ ދަތި ކަމަކަށެވެ. އެއީ 1980ގެ އަހަރުތަކުގައި ވެސް ނެކްސަސް ކްލަބަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
އެހެން ނަަމަވެސް، މިފަހަރު ނެކްސަސްގެ ނަމުގައި އެކުލަވާލި ޓީމަށް ހިތަދޫ ސަނީ އެންޓަޕްރައިސަސް އިން މިވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ފޭދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ނެކްސަސް ޓީމުން ނިކުންނާއި ސަނީގެ ޕްރޮޑަކްޓެއް މާކެޓް ކުރުމުގެ ޒިންމާ ވެސް އަދާކުރަމުންނެވެ.
އެގޮތުން ސްޕޮންސަރޝިޕް އެގްރީމެންޓްގެ ދަށުން ނެކްސަސް ޓީމުން މާކެޓް ކުރަނީ ސަނީން އެތެރެކުރާ ބީއެންޑް ޑަބްލިއު އިންސްޓޭންޓް ކޮފީ އެވެ.
ނެކްސަސް ޓީމުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނިގޮތުގައި އެ ޓީމަށް ސަނީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ބުންޏެވެ.
ހިތަދޫގެ ހުރިހާ ހިސާބެއްގެ ޒުވާނުން ވެސް ހިމެނޭ މި ޓީމުގައި މިވަގުތު ހިތަދޫގައި ތިބި އެންމެ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ. އެގޮތުން ކްލަބް އީގަލްސްގެ ކުޅުންތެރިޔާ، ހަސަން ރާއިފް(ހަންނާ) އަދި ކުރިން ވެލެންސިޔާ އަދި އައިއެފްސީ އަށް ކުޅުނު އަހްމަދް ޝާފިއު (ޝާޓީ) ވެސް ފާހަގަކޮށްލެވެއެވެ.