އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތަނުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތްތަކެއް ނިންމައިލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "އުންމީދާއި ކުރިއެރުން" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ.
ސަރުކާރުން ތާވަލްކޮށްފައިވާ ގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި ހޮސްޕިޓަލް ނިމި، ހިދުމަތަށް ހުޅުވައިލެވޭނެ އެވެ.
"މި ހޮސްޕިޓަލްގެ މަސައްކަތް ތާވަލާ އެއްގޮތަށް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. މި ހިނގާ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ހޮސްޕިޓަލް ޢިމާރާތުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއްވެސް ނިމިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާ ކުރެވޭ ހޮސްޕިޓަލެއް. އެއީ ހޮސްޕިޓަލް އިމާރާތް ކުރުމާއި ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޝިނަރީއާއި އިކުއިޕްމަންޓްސް ހޯދުމަށްޓަކާ. ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް ގަތުމަށްޓަކައި ވެސް ބިޑްކޮށްގެން ކުރިއަށް ގެންދަން ޖެހޭ މުޢާމަލާތްތައް މިހާރު އެބަ ކުރިއަށްދޭ."
މި މަޝްރޫއަށް ފައިސާ ސަޢޫދީ ފަންޑުންނާއި އޯޕެކް ފަންޑު މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.