ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ސީޝެލްސްގެ މަސް ބޯޓެއް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނާ ގޮތުގައި ސީޝެލްސްގައި ރަޖިސްޓްރީކޮށްފައިވާ މަސް ބޯޓެއް ކަމަށްވާ "އެފްވީ ވިކެޑް ޓޫނާ 01" ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރު 11:45 ހާއިރު ކަމަށެވެ.
ސީޝަލްސްގެ މަސްބޯޓު އަތުލައިގެންފައި ވަނީ ލ. ކައްދޫގެ ހުޅަނގު ދެކުނުން 38 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓާ ބެހޭ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދަކުންނެވެ.
ސީޝަލްސްގެ މަސްބޯޓުގެ ކެޕްޓަން އާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފައިވަނީ އެ ބޯޓު ދަތުރުކުރަމުން ދިޔައީ ސްރީލަންކާއިން ފުރައިގެން ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާ ބަނދަރަށެވެ.
މި ބޯޓުގައި ސްރީލަންކާގެ 6 މީހުން ތިބި އިރު މި ބޯޓު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެފައިވަނީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަ ނުނަގައެވެ.