Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

ޝާހްރުކާ އެކީ ފިލްމެއް ހަދަން ބޭނުން: އަނޫރާގް

ޝާހްރުކް ހާނާ އެކު ފިލްމެއް ހަދާފައި ނޫނީ ފިލްމް ހެދުމުގެ މަސައްކަތް ހުއްޓައި ނުލާނެ ކަމަަށް ޑައިރެކްޓަރު އަނޫރާގް ކެޝަޕް ބުނެފި އެވެ.

ދާދި ފަހުން ރިލީޒްކޮށް، ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމް "މުއްކަބާޒް" ގެ ޑައިރެކްޓަރު ބުނީ ޝާކްރުކްއަކީ އޭނާ އަބަދު ވެސް އެކުގައި މަސައްކަތްކޮށްލަން ބޭނުންވާ ޑައިރެކްޓަރެއް ކަމަށެވެ. އެހެންވެ އޭނާ އެއްބަސްވާ ފެންވަރުގެ ސްކްރިޕްޓަށް ލިޔައި، ޝާހްރުކަށް ހުށަހަޅާނެ ކަމަށް އަނޫރާގް ބުންޏެވެ.

"އަހަރެންގެ ހުވަފެނެއް ޝާހްރުކް ހިމަނައިގެން ފިލްމެއް ހެދުމަކީ. ފިލްމްގެ ހެދުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން އެކަން ކާމިޔާބުކޮށްފައި ނޫނީ،" ގޭންގް އޮފް ވަސޭޕޫރް އާއި ގުލާލް ފަދަ ފިލްމްތައް ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

މީގެ ކުރިން އޭނާ ވަނީ ދެ ފިލްމެއް ޝާހްރުކަށް ހުށަހަޅައިފަ އެވެ. އެއީ ނޯ ސްމޯކިން (2007) އާއި އެލްވިން ކާލިޗަރަން އެވެ. އެކަމަކު އެ ދެ ފިލްމެއް ވެސް ޝާހްރުކް ދިނީ ފުރަގަހެވެ. އެލްވިން ކާލިޗަރަން އަދި ވުޖޫދަށް އައިސް ނެތް އިރު، ޝާހްރުކް އެއްބަސް ނުވުމުން "ނޯ ސްމޯކިން" ކުޅުނީ ޖޯން އަބްރަހަމް އެވެ.

އަނޫރާގަކީ ބޮލީވުޑްގައި ތަންކޮޅެއް ތަފާތު އެކަމަކު މޮޅު ފިލްމްތައް ހަދާ ޑައިރެކްޓަރެކެވެ. ކޮމާޝަލް ފިލްމްތަކަށް ވުރެ ބޮޑަށް އޭނާ ހަދަނީ އޮފް-ބީޓް ފިލްމްތަކެވެ. އަދި އާންމުކޮށް އޭނާ ހަދާ ފިލްމްތަކުގައި އެހާ މަޝްހޫރު ތަރިންނެއް ވެސް ނޫޅެ އެވެ.

އަނޫރާގް އޭ ލިސްޓް ތަރިންތަކެއް ލައިގެން ބޮޑު ބަޖެޓަކުން މިހާތަނަށް ހެދީ އެންމެ ފިލްމެކެވެ. އެއީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅުނު ބޮޑު ފްލޮފް "ބޮމްބޭ ވެލްވެޓް" އެވެ.