އަދުގެ ދުނިޔޭގައި ކަންތައްތައް ހުނަން ގޮތުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ވަރަށް އާންމު ކަމެކެވެ. މިއީ ހަމައެކަނި ދިރިއުޅުމުގެ ބައްޓަމުގެ ސަބަބުން ކުރިމަތިވާ މައްސަލައެއް ނޫނެވެ.
މަސައްކަތުގެ މައިދާނުގައި މާބޮޑަށް ސްޓްރެސް އާއި ޕްރެޝަރު ބޮޑުވުމަކީވެސް ފުރިހަމަ ނިދި ނުލިބުމަށް މަގުފަހިވާ ކަންތައްތަކެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ އަޅުގަނޑުމެން ހީކުރާވަރަށްވުރެ މާ ބޮޑު ގެއްލުންތަކެއް ލިއްބައިދޭ ކަމެކެވެ. އެގޮތުން ދާދި ފަހުން ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މިކަމަކީ ހިތުގެ ބަލިތަކާއި އަލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން ދިމާވާ ކުޑަކުޑަ މައްސަލަތަކުގެ ތެރޭގައި ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމާއި އަވަހަށް ރުޅިއައުން އަދި އުފެއްދުންތެރިކަން ކުޑަވުން ހިމެނެ އެވެ.
ނަމަވެސް ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ބަރުދަން އިތުރުވުމާއި ހަނދާނަށް ގެއްލުން ލިބުމާއި ގޮހޮރުގެ ކެންސަރާއި އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވުން ހިމެނެއެވެ.
"ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ މަގުމަތީ އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ އެއް ސަބަބު،" ކޮންޓިނެންޓަލް ހޮސްޕިޓަލްސްގެ ޑރ. ވިޝްވަނާތު ގެލާ ވިދާޅުވި އެވެ.
ޑރ. ގެލާ ވިދާޅުވި ގޮތުގައި ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުގެ މައްސަލައާއި ސިކުނޑީގެ ސްޓްރޯކް އާއި ހިތް ހުއްޓުމުގެ ފުރުސަތުވެސް އިތުރުވެގެން ދެއެވެ.
އެޕޯލޯ ހޮސްޕިޓަލްސްގެ ޑރ. ވިޖޭ ކުމާރް ޗެއްނަމްޗެޓީ ވިދާޅުވި ގޮތުގައި ނިދުމުގެ މައްސަލަތައް ދިމާވުމުގެ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.
ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން މީހާގެ ހަނދާނަށް ނޭދެވޭ އަސަރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަލްޒައިމާސް ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ އިތުރުން ޤަވާއިދުން ކަސްރަތު ނުކުރުމުގެ ސަބަބުން ވެސް ނިދުމުގައި އުނދަގޫތައް ދިމާވެދާނެ އެވެ.
އެހެންކަމުން އެކަށީގެންވާ މިންވަރަށް ނިދި ނުލިބޭނަމަ، ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދައި އެމައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރާށެވެ.