Last Updated: September 8, 06:07
Sunday, September 8, 2024
ޚަބަރު

ރޭ ކަރަންޓް ކެނޑުނީ އާ ޖަނެރޭޓަރެއް ފެއިލްވެގެން: ފެނަކަ

އައްޑޫގެ ކަރަންޓުގެ ހާލަތު ރަގަޅު ކުރަން ގެނެސްފައިވާ 2 މެގަވޯޓުގެ ޖަނެރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ޗައިނާގެ އިންޖިނިއަރަކު މޮނިޓަރ ކުރަނީ. ފޮޓޯ: ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ރޭ ދަންވަރު ކަރަންޓް ކެނޑުނީ މަރުކަޒީ އިންޖީނުގޭގައި އަލަށް އިންސްޓޯލް ކުރި ދެ ޖަނެރޭޓަރުގެ ތެރެއިން ޖަނެރޭޓަރެއް ފެއިލްވެގެން ކަމަށް ފެނަކަ އައްޑޫ ރީޖަނަލް އޮފީހުން މިއަދު ބުނެފި އެވެ.

ފެނަކަ އައްޑޫ އޮފީހުގެ އިސް ބޭފުޅަކު "އައްޑޫ ލައިވް" އަށް ވިދާޅުވީ ކަރަންޓް ކެނޑުނީ 2.2 މެގަވޯޓްގެ އެއް ޖަނެރޭޓަރު ފެއިލްވެގެން ކަމަށާއި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ.

އަލަށް ބެހެއްޓި ޖަނެރޭޓަރުތައް އިންސްޓޯލްކޮށް ކަރަންޓް ދޫކުރަން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި އާ ޖެނެރޭޓަރުތަކުން ކަރަންޓް ދޫކުރަން ފެށުމުން އައްޑޫގެ ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ވާނެ އެވެ.

ރޭ ދަންވަރު 1:15 އެހާކަށްހާ އިރު އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށަކުން ކަރަންޓް ކެނޑުމަށް ފަހު، އަލުން ކަރަންޓް ލިބުނީ އޭގެ ބައިގަޑި އިރު ފަހުންނެވެ.