ދެކުނުގެ 3 އަތޮޅުގެ ރައްޔިތުންނަށް އިސްތިއުނާފު ކުރުމުގެ ހައްގު ނުލިބޭ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ހައިކޯޓު ދެކުނު ގޮފީގެ 3 ފަނޑިޔާރުން އަނބުރާ އައްޑޫއަށް ވަޑައިގެންފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފިޝަލަކު ވަނީ ދެކުނު ގޮފީގެ 3 ފަނޑިޔާރުން ވެސް އައްޑޫއަށް ވަޑައިގެންފައިވާކަން 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.
ދެކުނު ގޮފީގެ ފަނޑިޔާރުން އަނބުރާ ހައިކޯޓު ދެކުނު ގޮފީގެ އަޑުއެހުންތައް ހުއްޓިފައި ވާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. އެ ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް އައީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާން ކުއްލިގޮތަކަށް މާލެ ވަޑައިގަތުމާއި ގުޅިގެންނެވެ. ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވީ އެބޭފުޅާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކެއް ލިބިވަޑައިގަތުމުން ކަމަށް ބުނެއެވެ.
ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވިތާ 6 މަސް ފަހުން 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން 3 މަސް ދުވަހަށް މާލެ ބަދަލުކުރައްވާފައެވެ. 3 ފަނޑިޔާރުން އަނބުރާ އައްޑޫއަށް ވަޑައިގެންފައި މިވަނީ ސުޕްރީމް ކޯޓުން ކަނޑައެޅި 3 މަސް ދުވަހުގެ މުއްދަތު ފާއިތުވެ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 2014 ވަނަ އަހަރު އިސްލާޙެއްގެ ދަށުން ހައިކޯޓުގެ 2 ގޮފި ޤާއިމްކުރުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ޙަވާލުކުރެވުމާއި ގުޅިގެން އެ ކޯޓުން ކަނޑައަޅާފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮތްޕެއް ޤާއިމް ކުރުމަށެވެ.
އެގޮތުން ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވަނީ، ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ. (ހުވަދުއަތޮޅު ދެކުނުބުރި)، ފުވައްމުލައް، އަދި އައްޑޫއެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލަރ އަކުން ހައިކޯޓުގެ ދެކުނު ގޮފި އުފައްދާފައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އުތުރުގެ ހައިކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައި ނުވާއިރު އުތުރުގެ މައްސަލަތައް މާލޭގައި ހުންނަ ހައިކޯޓުގައި އިސްތިއުނާފް ކުރެވެއެވެ. އެހެން ނަމަވެސް ދެކުނުގެ 3 އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަންޖެހެނީ ހައިކޯޓު ދެކުނު ގޮފީގައެވެ.