ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ތިން އެމްބިއުލާންސް އޮންނަ އިރު އެ ތިނެތި އެއްފަހަރާ ހަލާކުވުމަށް މެދުވެރިވާ ނަމަ އެއީ މައްސަލައެއް ކަމުގައި ނުވާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. ޤުދުރަތީ ޙާދިސާއެއް ނުވަތަ އެކްސިޑެންޓެއް ދިމާވެގެން ހަލާކުވީ އެއް ނޫނެވެ. އެމްބިއުލާންސްތައް މެއިންޓެއިން ނުކުރެވި ގޮސް ނުދުއްވޭ ހިސާބަށް ކަންތައް ދިޔައީ އެވެ.
އެ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގެ ވެރިންނަށް އެއީ "ސިޔާސީ ވާހަކައެއް" ކަމުގައި ވިޔަސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމަށް ބޭނުންކުރާ 3 އެމްބިއުލާންސް އެއްފަހަރާ ހަލާކުވުމަކީ އޭގެ ޒިންމާ ހޮސްޕިޓަލުގެ ވެރިން ނަންގަވަން ޖެހޭނެ ކަމެކެވެ.
ހިތަދޫ ހޮސްޕިޓަލުގެ މުވައްޒަފުން ބުނާގޮތުގައި އެތަނުގައި ބޭނުންކުރާ 3 އެމްބިއުލާންސް މަރާމާތެއް ކުރެވެނީ ވެސް ވަރަށް ހާލުންނެވެ.އެއީ ހޮސްޕިޓަލަށް ކުރަން ވަރަށް "އުނދަގޫ" ކަމެއް ކަމަށް އެމީހުން ބުނެއެވެ.
"އެމްބިއުލާންސްތައް މައްސަލަ ޖެހި ނުދުއްވޭ ހިސާބަށް ދަނީ މެއިންޓެއިން ނުކުރެވޭތީ. މިއަށް ވުރެ މާ ދުވަސްވީ އެއްޗިހި އެބަދުއްވާ، ބުރަކި ޝޫ، މިއީ މިރަށުން ލިބޭ އެއްޗެއް. އޭތި ބަދަލުކުރަން ވެސް ޕީއޯ ހަދައިގެން ވެރިޔާގެ ސޮއިކޮށްގެން މިކަންތައް ނިމެން އެބަ ނަގާ އެތައް ދުވަހެއް." ހިތަދޫ ހޮސްޕިޓަލުގެ ސީނިއަރ މުވައްޒަފަކު ބުންޏެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މުވައްޒަފު ބުނިގޮތުގައި އެމްބިއުލާންސަކީ ހޮސްޕިޓަލަށް ކިހާ މުހިއްމު އެއްޗެއްކަން ވެރިންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
" ނެޓަށް ވަންނަން ކޮމްޕިއުޓަރު ފާސްޓުކުރަން ރެމު އެބަގަނެވޭ، ހާޑް ޑިސްކު ގަނެވޭ ޓަސް ލާފައި. ވެރިންގެ ގޮޑި ބަދަލުކުރެވޭ އަހަރު ދެދަޅައަށް، ކާރުކޮޅުތައް ބަހައްޓަން ތަންތަން ހިޔާ އެބަކުރެވޭ. އެމްބިއުލާންސެއް މަރާމާތު ކުރަން ޖެހިއްޖެ ނަމަ ބުނާނެ އަދި އެކަތި އެބައޮތް ނޫންހޭ. މިބަލަނީ އޭ."
ހިތަދޫ ހޮސްޕިޓަލުގައި ބޭނުންކުރާ އެމްބިއުލާންސްތައް ރަނގަޅަށް ހުންނައިރު ގިނަ ފަހަރަށް އެކްސިޑެންޓްތަކާއި އެހެނިހެން އެމަޖަންސީ ސީންތަކަށް ވަރަށް އަވަހަށް އެޓެންޑް ކުރެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ކަމަކަށް އެމްބިއުލާންސް ބޭނުންކުރަން ޖެހުމަކީ އެ އެމްބިއުލާންސްތަކުގެ އަސްލު ބޭނުން ހިފަން ޖެހޭއިރު ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.
އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ މުދާ އުފުލަން ވެސް ބޭނުންކުރަނީ އެމްބިއުލާންސެވެ. މުވައްޒަފުން އިވެންޓަކަަށް ދާން ވިޔަސް އަދި ވެރިއެއްގެ އަމިއްލަ ދަތުރެއް ކޮށްލަން ވިޔަސް ހަމަ އެމްބިއުލާންސެވެ. ބައެއް ފަހަރަށް އެމްބިއުލާންސަކީ "ޓެކްސީ" އެކެވެ.
އެމްބިއުލާންސްގައި ވެރިންގެ އަމިއްލަ ދަތުރުތައް ކުރުމާއި ބެންކަށް އަދި ފިހާރަތަކަށް ދާން ޖެހުމުން ހޮސްޕިޓަލުގެ ޑްރައިވަރުން ކިތަންމެ ޝަކުވާއެއް ކުރިޔަސް ހޮސްޕިޓަލުގެ ވެރިން އަންގަނީ "އެ ނޫން ގޮތެއް ނެތީ" ކަމަށެވެ. އެ ނޫންގޮތެއް ހޯދުމަށް ހޮސްޕިޓަލުގެ ވެރިން މަސައްކަތް ކުރައްވަން ފަސްޖެހޭ ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުން ތުހުމަތު ކުރެއެވެ.
އެމީހުން ބުނާގޮތުގައި ސަރުކާރުގެ ވުޒާރާތަކުގައި ކަންކަން ރަނގަޅު ކުރުމަށް ދެންނެވުމުގެ ބަދަލުގައި ހޮސްޕިޓަލުގެ ވެރިންގެ ސިޔާސަތަކީ ހުރިހާ ކަމެއް "ރަނގަޅު" ކަމަށް ދެއްކުން ކަމަށެވެ.
ހޮސްޕިޓަލުގައި މައްސަލައެއް ހުރި ވާހަކަ ދައްކަން ޖެހިއްޖެ ނަމަ އެއީ ވެރިންގެ ވިސްނުމުގައި އެމީހުންގެ ނާޤާބިލުކަން ހާމަވާކަމެއް ކަމަށް ޤަބޫލުކުރެވިފައި އޮތުމަކީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ހޮސްޕިޓަލުގެ ދުވަސްވީ މުވައްޒަފުން ޤަބޫލުކުރެއެވެ.
"މިއީ ސިޔާސީ ވެގެން ދައްކާ ވާހަކައެއް ނޫން. ރައީސް ޔާމީންތޯ ޒިންމާ ނަގަންވީ އެއްފަހަރާ 3 އެމްބިއުލާންސް ހަލާކުވީމާ؟ ނޫނީ މިތާ ތިބި ވެރިންތޯ؟ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ޒިންމާތައް ހަވާލުކޮށްފައި. ޕާޓީ ޖަލްސާތަކުގެ އިސްސަފުގައި އެވެރިން ތިއްބަސް ހަގީގީ ޒިންމާ އަދާނުކުރެވި ސަރުކާރަށް ނަފްރަތު އަމާޒުވާކަން ޤަބޫލުކުރަން ޖެހޭ."، ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ މުވައްޒަފަކު ބުންޏެވެ.