އަލަށް ކުރެވުނު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އެނާޖީ ޑްރިންކްތަކަކީ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޒުވާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރާ އެއްޗެކެވެ.
ކެނެޑާގެ އޮންޓާރިއޯގެ ޔުނިވާސިޓީ އޮފް ވޯޓާލޫގެ ސައިންސްވެރިން ބުނާ ގޮތުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކްތައް ވިއްކާ މިންވަރު ކޮންޓްރޯލް ކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެއީ ސައިންސްވެރިންގެ ދިރާސާއިން ހޯދިފައިވާ ގޮތުގައި އުމުރުން 12 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ 55% އަކީ އެނާޖީ ޑްރިންކްތަކުގެ ސަބަބުން ނޭދެވޭ ސިއްޙީ އަސަރުތަކެއް ކޮށްފައިވާ މީހުންނެވެ. އެގޮތުން އެމީހުންގެ ހިތުގެ ވިންދު އަވަސްވެ ބައެއް ފަހަރަށް ފިޓު ޖެހޭ ގޮތްވެސް ވެއެވެ.
ރެޑްބުލް އާއި މޮންސްޓާފަދަ އެނާޖީ ޑްރިންކްތައް ބޮނީ ކިހާގިނައިންތޯ ބެލުމަށް 2،055 ޒުވާނުންނާއި ސުވާލުކުރުމަށްފަހު ދިރާސާވެރިން ހޯދާފައިވާ ގޮތުގައި ކެފެއިން އެކުލެވިގެންވާ އެހެނިހެން ބުއިންތަކަށްވުރެ އެނާޖީ ޑްރިންކްތަކަކީ ނުރައްކާތެރި އެއްޗެއް ކަމަށެވެ.
އެގޮތުން ދިރާސާގައި ސުވާލުކުރެވުނު ބައިވެރިންގެ ތެރެއިން އެނާޖީ ޑްރިންކް ބޭނުންކުރާ ބައިވެރިންގެ ތެރެއިން 24.7% މީހުން ބުނި ގޮތުގައި އޭގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ނިދުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އަދި 0.2% ބައިވެރިން ބުނި ގޮތުގައި އޭގެ ސަބަބުން ބައެއް ފަހަރަށް ފިޓުވެސް ޖެހެއެވެ.
މީގެ އިތުރުން 18.3% ބައިވެރިން ބޮލުގައި ރިއްސާކަމަށް ބުނިއިރު، 5.1% ބައިވެރިން ބުނެފައި ވަނީ ބޯއަނބުރާ ގޮތްވެ، ހޮޑުލަވާ އަދި ބޭރަށް ހިނގުމުގެ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށެވެ. ހަމަ އެހެންމެ 3.6% ބައިވެރިން ބުނި ގޮތުގައި އެނާޖީ ޑްރިންކްތައް ބުއިމުން މޭމައްޗަށް ވެސް ތަދުވެއެވެ.
އެހެންނަމަވެސް، ކަންބޮޑުވާން ޖެހޭ ތަންކޮޅަކީ ސީރިއަސް މައްސަލަތައް ރިޕޯޓްކުރި ބައިވެރިންގެ ތެރެއިން ގިނައީ، ދުވާލެއްގެ މައްޗަށް އެނާޖީ ޑްރިންކް ބޯން އެދެވިގެންވާ އެންމެ ބޮޑު މިންވަރު ކަމުގައިވާ 1-2 ތަށްޓަށްވުރެ މާ މަދުން އެނާޖީ ޑްރިންކް ބޯ މީހުން ކަމުގައިވާތީ އެވެ.
ދިރާސާގެ އިސްވެރިޔާ ޕްރޮފެސަރ ޑޭވިޑް ހެމަންޑް ވިދާޅުވި ގޮތުގައި އެނާޖީ ޑްރިންކްތަކަކީ ކޮފީ އާއި ކެފެއިން އަޅާފައި ހުންނަ އެހެނިހެން ބުއިންތަކަށްވުރެ މާ ނުރައްކާ ބޮޑު ބުއިމެއް ކަމަށެވެ.
އެހެންކަމުން އެންމެ ފަހުގެ ހޯދުންތަކުން ލަފާދެނީ މިފަދަ އުފެއްދުންތަކުން ސިއްޙަތަށް ކުރާ އަސަރުތައް މިހާރަށްވުރެ ބޮޑަށް ދިރާސާކޮށް، އެނާޖީ ޑްރިންކްތައް ވިއްކާ މިންވަރު މަދުކުރުމަށެވެ.
މި ދިރާސާގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ވެއިޓްރޯސް އިން ވަނީ 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ގިނަ އަދަދަކަށް ކެފެއިން އަޅާފައި ހުންނަ އެނާޖީ ޑްރިންކްތައް ވިއްކުން މަނާކޮށްފަ އެވެ. އެހެންކަމުން މާޗު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެނާޖީ ޑްރިންކް ގަންނަ ކޮންމެ ކަސްޓަމަރަކު ވެސް އުމުރު ސާބިތުކޮށްދޭ ހެއްކެއް ހުށަހަޅަން ޖެހޭނެއެވެ.