އިއްޔެ އާންމުކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަ މަސް ދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދަރިފުޅަށް ގާތުން ކިރުދޭ މައިންނަށް މުސްތަޤްބަލުގައި ހަކުރު ބަލި ޖެހުމުގެ ފުރުސަތު 50 ޕަސަންޓް ދަށްވެ އެވެ.
ތިރީސް އަހަރަށް ކުރިއަށް ގެންދިޔަ އެމެރިކާގެ ދިރާސާއެއްގައި ބައިވެރިވި 1،200 ހުދު ނަސްލާއި ކަޅު ނަސްލުގެ އަންހެނުންގެ ނަތީޖާތައް ވަނީ އެމެރިކަން މެޑިކަލް އެސޯސިއޭޝަން ގެ ޖާނަލްގައި ޝާއިރުކޮށްފަ އެވެ.
އެ ޖާނަލްގެ ލީޑް ލިޔުންތެރިޔާ އެރިކާ ގަންޑާސަން ވިދާޅުވިގޮތުގައި ގާތުން ކިރުދޭ މުއްދަތާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމާއި ވަރަށް ބޮޑު ގުޅުމެއް ވާކަން ދިރާސާއިން ހޯދިފައިވާ ކަމަށެވެ.
އެގޮތުން އެ ދިރާސާއިން ދައްކާފައި ވަނީ އެއްގޮތަކަށްވެސް ގާތުން ކިރު ނުދޭ އަންހެނުންނާއި އަޅާބަލާއިރު، ހަ މަސްދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދަރިފުޅަށް ގާތުން ކިރުދޭ އަންހެނުންނަށް މުސްތަޤްބަލުގައި ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު 47% ކުޑަވެގެންދާ ކަމަށެވެ. ހަ މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ގާތުން ކިރުދޭ އަންހެނުންނަށް މުސްތަޤްބަލުގައި ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަވަނީ އެންމެ 25% އަށެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ގާތުން ކިރުދިނުމުން ޕެންކްރިއެސްގައި ހުންނަ ހޯމޯންތައް މެދުވެރިކޮށް އިންސުލިން އާއި ހަކުރު ލެވެލްތައް ކޮންޓްރޯލް ކޮށްދިނުމުގައި ރައްކާތެރި އަސަރުތަކެއް ކުރާ ކަމަށެވެ. މީގެ ކުރިން ކުރެވުނު އެހެނިހެން ދިރާސާތަކުން ވެސް ވަނީ ގާތުން ކިރުދިނުމުން އިތުރު ގިނަ ފައިދާތަކެއް ލިބޭކަން ސާބިތުކޮށްދީފަ އެވެ. އެގޮތުން އޭގެ ސަބަބުން އުރަމަތީ ކެންސަރާއި އޮވޭރިއަން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.